ސެޕްޓެމްބަރ 20, 2024 04:11

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނަން: ރައީސް ޑރ މުއިއްޒު

ފާތިމަތު އިސްރާ
ޖެނުއަރީ 27, 2024

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކަމަށެވެ.

"އުއްމީދަކީ މިއަދުގެ މި ޕްރައިމަރީ ނިމުނީމަ ދެން ހޮވޭ ހުރިހާ ބޭފުޅުންނާއެކީގައި ނުހޮވޭ ބޭފުޅުންވެސް އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރެއާ ހަމައަށް ޕާޓީގެ ދަފްތަރު އަދި ވޯޓާސް ލިސްޓުގައި ނަން އޮތް ބައެއް މީހުންގެ ނަންތައް މިއަދު ލިސްޓުގައި ނެތުމުން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ވަނީ ހިނގާފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ ލީޑަޝިޕަށް ކުރެވޭ އެފަދަ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން ބޭނުންވަނީ ދެފުށް ފެންނަ ހަމަހަމަ އިންތިހާބެއް ބާއްވަން ކަމަށާއި، އެއްވެސް ވޯޓާސް ރެޖިސްޓްރީއަކަށް ނުވަތަ ވޯޓާސް ލިސްޓަކަށް ބަދަލު ގެނައުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއެކު ބައްލަވާ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ޕްރައިމަރީގެ ނާކާމިޔާބީއާއި އެކީގައި އަމިއްލަ ގޮތުން ކެނޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ގިނަ ގޮނޑިތަކެއް ގެއްލިދާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ވެދިޔަ ނުދިނުމަށްޓަކައި ބަލިވާ ކެނޑިޑޭޓުން، މޮޅުވާ ކެނޑިޑޭޓުންނާއެކު ކުރިއަށްދިއުމަށް މިފަހަރު އިގުރާރުވެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމަށްޓަކައި އެންމެންވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވާ، އެންމެންވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy