ސެޕްޓެމްބަރ 20, 2024 04:17

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތަކެއް ހިނގައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 27, 2024

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ހެންވޭރުގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގައިފިއެވެ.

ހެންވޭރު ދާއިރާގެ ފޮށިތަކުގައި މައްސަލަ ޖެހިފައިވަނީ ވޯޓުލާ ލިސްޓުގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާކަމަށް ބުނެއެވެ.

ސޯޝަލް މީޑީއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެން ގޮތުގައި، މައްސަލަ ހޫނުވެ، ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް ވަނީ އަތްލާފައެވެ. މި ހަމަނުޖެހުން ހައްލުކުރުމަށް ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ވޯޓު ފޮށްޓެއްވެސް ވަނީ އެއްލާލާފައެވެ. މިކަމާ ގުޅިގެން ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން މެދުކެނޑުނު ނަމަވެސް، މިހާރު ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލުން ކުރިއަށްދާކަމަށް ޕީއެންސީން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީއިން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 އެވެ. މި ދާއިރާތަކަށް 283 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 71،597 މީހުންނަށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކުގެ އަދަދަކީ 227 އެވެ.

އަތޮޅުތަކުގެ ފޮށިތައް މާލޭގައި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ. ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތު ސެންޓަރ، ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައިވެސް ވޯޓު ފޮށިތައް ބަހައްޓާފައި ވެއެވެ.

ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy