ސެޕްޓެމްބަރ 20, 2024 04:19

ރާއްޖޭގެ ހާރިޖީ ގުޅުންތައް މިހާރު އޮތީ ވަރަށް ނުރައްކާތެރި އަދި ނާޒުކު ފައްތަރެއްގައި: ފައްޔާޒް އިސްމާއިލް

ފާތިމަތު އިސްރާ
ޖެނުއަރީ 24, 2024

ރާއްޖެ އިން ބޭރު ގައުމުތަކާ އެކުގައި ބާއްވާ ހާރިޖީ ގުޅުންތައް މިހާރު އޮތީ ވަރަށް ނުރައްކާތެރި އަދި ނާޒުކު ފައްތަރެއްގައި ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން ފެށިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ފައްޔާޒް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއަކީ އަވަށްޓެރި ގައުމުތަކާ ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އެ ގުޅުން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ބެލެވޭ ގޮތުގައި ފައްޔާޒް އެގޮތަށް ވިދާޅުވީ މި ސަރުކާރުން އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެ، ޗައިނާއާ އެކުގައި ގުޅުން ބަދަހި ކުރަން ފެށުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމުގައި އެހީތެރިވުމަށް ޗައިނާ އިން ވަނީ ނިންމައިފައެވެ. އެގޮތުން އެންމެ ބޮޑު އެއް މަޝްރޫއަކީ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެވެ. އޭގެ އިތުރުން އެކިއެކި މަޝްރޫއުތައް ހިންގުމަށް ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް 130 މިލިއަން ޑޮލަރު ދިނުމަށް ވެސް ނިންމާފައިވެއެވެ.

ދުނިޔޭގެ މަސްރަހު މިވަގުތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ މިފަދަ އެއްވެސް ކަމަކާއި ހާސްކަމެއް ނެތް ގައުމެއް ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރި ގޮތުން އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުމަށް ނުރަނގަޅު އަސަރުތައް ކުރަމުންދާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy