ސެޕްޓެމްބަރ 20, 2024 04:16

އިއްޔެއިން ފެށިގެން ރާއްޖޭގެ ވައި ސާފުވެއްޖެ: މޫސުމާ ބެހޭ ގައުމީއިދާރާ

ފާތިމަތު އިސްރާ
ޖެނުއަރީ 21, 2024

އިއްޔެއިން ފެށިގެން ރާއްޖޭގެ ވައި ސާފު ވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން "ވަގުތު" އަށް މައުލޫމާތުދެމުން ވިދާޅުވީ ރާއްޖޭގެ ވައި މިހާރު ސާފު ވެފައިވާ ކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގައި ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެ ފަސް ދުވަސްކުރިން އިލްތިމާސް ކޮށްފައެވެ.

ވައިގެ ކޮލިޓީ ބެލުމަށް ހަދާފައިވާ ވެބްސައިޓް "އައިކިޔު އެއާ ވިޝުއަލް އެޕް" އިން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން އޭރު ހުރީ 168 ގައެވެ.

ވައިގެ މިންވަރު 250 އަށް އަރައިފިނަމަ އޭގެ ސަބަބުން އިންސާނުންނަށް ނުރައްކާވާނެއެވެ. ވައިގެ ފެންވަރު ރަނގަޅު ކަމަށް ބަލަނީ 50-99 އާ ދޭތެރޭގެ މިންގަނޑަކުންނެވެ.

ވައި ނުސާފުވެފައިވާތީ ބޭރަށް ނުކުމެ އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންގިއިރު، އެ ލެވެލްގައި ވައި ހުރުމުން އިންސާނުންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކޮށް ބަލި ގޯސްވުމުގެ ފުރުސަތު އޮންނާނެެއެވެ. އެހެންކަމުން ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ނުދިޔުމަށާއި ދަތުރުފަތުރުކުރާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އޭރު އެންގިއެވެ.

މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު %60 ދަށަށް ދިޔައެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިދިޔަ އަހަރު ވެސް ކޮށްފައި ވާއިރު މި އަހަރު ވެސް އުތުރު އިންޑިއާގައި މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެ ދަތުރުފަތުރަށް ވެސް ހުރަސްއެޅިފައެވެ.

އިއްޔެ އިން ފެށިގެން ވައި ސާފުވެފައިވާއިރު ރާއްޖޭގެ މޫސުން ހުރިހާ ހިސާބަކަށް ވެސް ރަނގަޅު ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އެހެންނަމަވެސް ދަތުރު ނުކުރެވޭ މިންވަރަށް ކަނޑުގަދަ ނުވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy