ސެޕްޓެމްބަރ 20, 2024 04:19

އިމަރޖެންސީގައި މާލެ ގެނައި ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގަނީ: މަޖިލިސް

ފާތިމަތު އިސްރާ
ޖެނުއަރީ 21, 2024

މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލިން އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަކުން މިއަދު ނިންމައިފި އެވެ.

ގއ. ވިލިގިލީގައި ހާލު ދެރަވެ، ބުދަ ދުވަހުގެ ރޭ ވިލިގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު އެކުއްޖާ ވަނީ ނިޔާވެފަ އެވެ.

އެކަމާއި ގުޅިގެން މިއަދުގެ ބައްދަލުވުމުގައި މުޤައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލުކޮށްގެން ބަލާނެ ކަމަށެވެ.

އޭގެ އިތުރުން ޖީހާން ވިދާޅުވީ އެ ނިޒާމަކީ ކޮބައިކަން ދަނެގަނެ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި މި ސަރުކާރުން ބަލި މީހުން އުފުލަން ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުމަކީ އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ސާފު ކުރާނެ ކަމަށާއި އެ ކަން ނެތް ނަމަ އޭގެ ބަދަލުގައި ހުށަހަޅާ ހިދުމަތަކީ ކޮބައިކަން ބަލާނެ ކަމަށެވެ.

"ނުރައްކާތެރި ހަރުކަށި ގައުމިއްޔަތެއްގެ ސަބަބުން ރައްޔިތުންގެ ފުރާނަ އަށް ގެއްލުން ވެދާނެ ފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަން ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި،" މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ޖީހާން ވިދާޅުވި އެވެ.

މިއަދު ބޭއްވުނު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެ ކުއްޖާ އުފުލުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަން މިހާތަނަށް އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން ހާމަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުވާން ޖެހޭ ކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

މިގޮތަށް މެމްބަރުން ފާހަގަކުރެއްވި އިރު މިކަމާއި ގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ ވެރިން ކަހަލަގޮތަކަށް ރޭ ވަނީ އެކްސްޕޯސްޓް މެދުވެރި ކުރައްވާ މިކަމާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy