ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މަރުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ނުގެނެވި ގިނައިރުވުމާ ގުޅިގެން ގިނަ ބަޔަކު އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކައިރީގައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. އެގޮތުން ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް ދިނުން ލަސްކަމަށް ބުނެ، އެރަށުގެ ރައްޔިތުން ނުކުމެ، މުޒާހިރާކޮށް، ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި ކަރުދާހުން އާ ނަން ބޯޑެއްވެސް މިމަހުގެ 18 ވަނަ ދުވަހު ހަރުކޮށްފައި ވެއެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ ނިޔާވީ، ސަރުކާރުން އިންޑިއާގެ ޑޯނިއަރ ބޯޓު ހަމަޖައްސައި ނުދިނުމުން މާލެ ގެނައުން ލަސްވެގެން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
އާއިލާއިން ބުނީ ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ޑޯނިއަރގައި އެކުއްޖާ މާލެ ގެނައުމަށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު ފްލައިޓެއް ޗާޓަރު ކުރަން 16 ގަޑިއިރު ލަސްވެ، އެންމެ ފަހުން އެ ކުއްޖާ އެމީހުންނާ ވަކިވެދިޔައީ ހިތާމަވެރި ގޮތަކަށް ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުންނެވެ.
އެ ކުއްޖާ މިއަދު ނިޔާވެފައިވަނީ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.