ސެޕްޓެމްބަރ 20, 2024 06:28

މަސްވެރިންނަށް އަމާޒުކޮށްގެން ރެސްކިއުޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 20, 2024

ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެންމެ ފުރަތަމަ މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގެ މަސްވެރިންނަށް އަމާޒުކޮށްގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މަޑަވެލީގައި ބޭއްވުނު މި ޙާއްޞަ  ރަސްމިއްޔާތުގައި ޠާރިޤު ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލު ތަކުގެ ސަބަބުން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އެން ހިފުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވަމުންދާކަމަށާއި، އެ ސަބަބާހުރެ ފުޅި އަޅައިގެން އެން ހިފުން މިހާރު ރައްޖޭގައި އާންމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފުޅި އަޅައިގެން ފީނާއިރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެހީތެރިވެދޭނަކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަށާއި، އެގޮތުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ފަށާ މުހިންމު މަސައްކަތުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ.

މީގެ އިތުރުންވެސް ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާ ނެރެވޭނެ މަސައްކަތަކެއް ކުރައްވަމުން ދާކަމަށެވެ.

މަޑަވެލީގައި މި ފެށުނު ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށް ދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގައި ތަމްރީނުތައް ކުރިއަށް ގެންގޮސް ދެއްވާނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިއްބެވި ފަންނީ ބޭފުޅުންނެވެ.

ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި  މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއި އެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއި އެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސް ވެފައިވެއެވެ.

މިއީ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ހިމަނާފައިވާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވަޢުދެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy