ސެޕްޓެމްބަރ 20, 2024 04:25

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން /ފޮޓޯ: ރައީސް އޮފީސް

ގާނޫނުތައް މުރާޖާކޮށްގެން ނޫނީ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު

އައިޝަތު އިބްރާހީމް
ޖެނުއަރީ 19, 2024

ގާނޫނުތައް މުރާޖާކޮށްގެން ނޫނީ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ނުކުރެވޭނެކަމަށާއި، އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

މުއުތަސިމް މިފަދައިން ވިދާޅުވެފައިވަނީ "ގަޟައީ އަހަރު 2024" އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަންޖެހޭ، އަދި ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް އެންމެ އެދެވޭ ހައްލެއް ލިބިގެންދާނީ މި ދެންނެވި ގާނޫނުތައް އެކުއެކީގައި މުރާޖާ ކުރެވިގެން ކަމަށް ދެކެން، އަދި މި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ޝަރުއީ ދާއިރާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން."- އުއްތަމަ ފަނޑިޔާރު

ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހަޅައިފައިވާކަން ފާހަގަ ކުރައްވާ މުއުތަސިމް ވިދާޅުވ،ީ އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ، ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާކަމަށެވެ.

މިކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ވަކީލެއް ހަމަޖެއްސުމަށް މާލީ ތަނަވަސްކަން ނެތިއްޖެ ނަމަ އެފަދަ ފަރާތްތަކަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަނު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވައި މުއުތަސިމް ވިދާޅުވީ މިހާރު އޮތް ނިޒާމު އަލުން ރިވިއު ކުރަންޖެހޭ ކަމަށެވެ.

"މަދަނީ މައްސަލަތަކުގައި ވެސް ވަކީލަކު އައްޔަނު ކުރުމުގައި މާލީ ގާބިލުކަން ލިބިފައި ނުވާނަމަ އެފަރާތުގެ ހައްގު ގެއްލިގެންދާކަން ފާހަގަ ކުރައްވައި އެފަދަ ފަރާތްތަކަށް ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ދެމެހެއްޓެނެވި ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" މުއުތަސިމް

އެހެންކަމުން މި މައްސަލަތަކަށް މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy