ސެޕްޓެމްބަރ 20, 2024 04:06

އާބަންކޯ ނަން އަލުން އެޗްޑީސީގެ ނަމަށް ބަދަލުކޮށްފި

ފާއިޒާ ޙުސައިން
ޖެނުއަރީ 18, 2024

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ.

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން ފާހަގަކުރުމަށް، އެކުންފުނިން ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ކުންފުނީގެ މައި ނަން ބޯޑު "އަރބަންކޯ"އިން "އެޗްޑީސީ"ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މިރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު  ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިގޮތަށް ބަދަލުކުރަން ނިންމީ، އެޗްޑީސީގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށެވެ. އަދި އެ ކުންފުނީގެ ޢަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ''ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"،އަކީ ކުންފުނީގެ ޤާނޫނީ ނަމެއްކަމަށާއި އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯއަށް ރީބްރޭންޑްކޮށްފައި ވީނަމަވެސް އެނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައި ނުވާ އެކޯޕަރޭޝަނުން ބުނެއެވެ.

އަދި ކުންފުނީގެ ބްރޭންޑް ނަން "އަރބަންކޯ"ގެ ބަދަލުގައި، ޤާނޫނީ ނަން "އެޗްޑީސީ" ބޭނުންކުރަން ނިންމާފައިވަނީ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދިޔައީ، ކުންފުނީގެ ރަސްމީ ނަން އެޗްޑީސީއެވެ.

އެޗް.ޑީ.ސީ އުފެއްދީ، 2001 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. އެޗްޑީސީއަކީ އާބަން ޑިވެލޮޕްމެންޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަނެވެ. އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސްމާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނީ އެކުންފުނިން އިސްކަންދެނީ ތަރައްގީގެ މަސައްކަތްތަކަކީ އިޤްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމަށްކަމަށެވެ. އަދި ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުންކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy