ސެޕްޓެމްބަރ 20, 2024 06:43

ކާނި ހޮޓެލްސް އެންޓް ޓުއާސްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު؛ ރެކޯޑެއް ގާއިމުކޮށްފި!

ފާތިމަތު އިސްރާ
ޖެނުއަރީ 16, 2024

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު ސާވިސް ޗާޖެއް ދީފައެއް ނުވެއެވެ. އެހެންވެ މިއީ ގެސްޓްހައުސް އިންޑަސްޓްރީގައި ރިކޯޑެކެވެ.

ކ. މާފުށީގައި ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސެއް ހިންގަމުން އަންނަ އިރު، އެ ގެސްޓްހައުސްތަކުގައި 194 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން އެއިން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ނުވަތަ 6،800ރ. ލިބިފައިވެއެވެ.

މިއާއެކު، ކާނިގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށް އެ ކުންފުނިން ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއީ ބައެއް ރިސޯޓުތަކުން ވެސް ދެމުން އަންނަ ސާވިސް ޗާޖަށް ވުރެ ބޮޑު އަދަދެކެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 100 ނޫނީ 200 ޑޮލަރަށް ވުރެ މަތިން ވެސް ދޭ ފަހަރު އާދެއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު (6،476ރ.) ކާނިހޮޓަލްސްގެ މުވައްޒަފުންނަށް ދީފައިވެއެވެ. އެ ފަހަރު ވެސް ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނެވެ.

ކާނި ހޮޓެލްސްގެ ފަރާތުން މާފުށީގައި މިހާރު ވެސް ފަސް ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. އަދި މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ވެސް ހިންގައެވެ.

ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގައެވެ. އޭގެ ފަހުން، "ކާނި ވިލެޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ވަނީ ހުޅުވައިފައެވެ. މިއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު އެބަހުއްޓެވެ.

ކާނި ހޮޓެލްސްގެ ގެސްޓްހައުސްއަކާއި ހޮޓަލެއް މިހާރު ވެސް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ގެސްޓްހައުސްއަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy