ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށެވެ. އަދި އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ކުތުބު މުސްތަފާ ސާނޫކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ މަޤްޞަދަކީ ފަތުވާގެ ނިޒާމު ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ މަޖިލީސް ހަރުދަނާކުރުމާއި، ސައިންޓިފިކް ޙައްލުތައް މެދުވެރިކޮށް ޒަމާނީ ފިޤުހުގެ މައްސަލަތައް ގުޅިގެން ޙައްލުކުރުން ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައެވެ.
އޯއައިސީގެ އިންޓަނޭޝަނަލް އެކަޑަމީ އޮފް އިސްލާމިކް ފިޤުހު އަކީ ޖިއްދާގައި ހުންނަ ދުނިޔޭގެ އެންމެ އިސް އިސްލާމީ ސައިންޓިފިކް ކައުންސިލެވެ.