ސެޕްޓެމްބަރ 20, 2024 09:08

މާރޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 14, 2024

މާރޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ، އިންޑިއާގެ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރާއްޖެއާއި އިންޑިއާގެ އިސް އޮފިޝަލުން ހިމެނޭހެން އުފައްދަވާފައިވާ ހައި ލެވެލް ކޮމިޓީގެ މަޝްވަރާތައް ކުރަންފަށައިފިއެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ.

އިންޑިއާ ސަފީރު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެން މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅިގެން މިހާތަނަށް ސަރުކާރުން 11 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.

މިއަދު ކުރިއަށްދަނީ އެ ބައްދަލުވުންތަކުގެ 12 ވަނަ ބައްދަލުވުން ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްޓްރީއާއި އިންޑިއާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުވުމުގެ އެޖެންޑާ އައިޓަމެއްގެ ގޮތުން މާރޗް މަހުގެ 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގެންފައިވާ ކަމަށާއި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބައްދަލުވުން ހަވީރު 5 ޖަހަންދެން މިއަދު ކުރިއަށްދާނެ ކަމަށާއި ޑޯނިއާ އޮޕަރޭޓް ކުރުމަށް މިލިޓަރީ އިންޑީއާގެ މިލިޓަރީ ބޭފުޅުން ތިބިނަމަވެސް އެމީހުން ވެސް ރާއްޖެއިން ދިޔުމަށް ސަރުކާރުން އެދޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ސިވިލް މީހުން ތިބުން އެއީ މައްސަލައެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy