ސެޕްޓެމްބަރ 20, 2024 00:03

ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެއް: ހުކުރުހުތުބާ

ފާތިމަތު އިސްރާ
ޖެނުއަރީ 12, 2024

ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، މާތް اللهގެ ހަޟުރަތުގައި ހައިވާނުންނަށް ވުރެވެސް ދަށް ކަމަށާއި އިސްލާމީ ޝަރީޢަތުގެ މުހިންމު މަގުސަދު ތަކުގެ ތެރޭގައި ބުއްދިއަށް ރައްކާތެރިވުން ލައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މަސްތުވާތަކެތީގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله ސުބުޙާނަހޫ ވަތަޢާލާ ޚަލްގު ކުރެއްވި އެންމެހާއި މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރެއްވީ އިންސާނުން ކަމަށެވެ.

އެއީ އެކަލާނގެ އެބައިމީހުންނަށް ދެއްވި ބުއްދި އާއި ވިސްނުމުގެ ސަބަބުންނެވެ. މާތް الله އިންސާނުންނަށް ބުއްދި ދެއްވާފައި ވަނީ ވިސްނައި ފިކުރުކޮށް، ހެވާއި ނުބައި ވަކިކޮށް ދެނެގަތަށްޓަކައެވެ. އެހެން ކަމުން ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ އެކަލާނގެ ހަޟުރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެވެސް ދަށްވެގެން ވެއެވެ. އެހެންކަމުން ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު މަގްސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެކެވެ.

ހުކުރު ޚުތުބާ މިއާއެކު ޚުތުބާގައި މަސްތުވާ ތަކެއްޗަކީ، ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެކަހެރި ކޮށްލާ އެއްޗެއް ކަމަށާ އެފަދަ ތަކެތި ބޭނުން ކުރަން ފެށުމުން، ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން، މިޒަމާނުގެ ދިރާސާތަކުން ސާބިތުވާ ކަމަށެވެ.

ހެރޮއިން އާއި ކޮކޭންފަދަ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން، ސިކުނޑިން ރަނގަޅުނޫން މެސެޖްތަކެއް ދޭންފަށައެވެ. އެހެން ކަމުން އެ މީހުންގެ ކިބައިން އާދަޔާ ޚިލާފް އަމަލުތައް ފެނެއެވެ. ކަންބޮޑުވެ ހާސްވެގެން، އަމިއްލައަށް މަރުވާ ހިސާބަށް ވެސް ހިނގައިދެއެވެ. މިހެން ދިމާވަނީ، މަސްތުވާ ތަކެތި ބޭނުން ކުރުމުން، ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވާތީއެވެ. މިއީ އަލުން ފޫބެއްދޭވަރުގެ ގެއްލުމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން، އންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ހިމަ ނާރުތަކަށް ވެސް ގެއްލުން ފޯރައެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓައިލި ކަމުގައި ވިއަސް ވަރުގަދަ އީމާންކަމެއް ނެތްނަމަ، އެމީހަކު އެއާ ދިމާއަށް އެނބުރި ދިއުމީ އެކަށީގެންވާ ކަމެކެވެ.

ހުކުރު ޚުތުބާ މީގެ އިތުރުން ޚުތުބާގައި ބުނީ، މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިގައުމުގެ އެތަކެއް ޒުވާނުންނެއް ވެސް އެވަބާގައި ޖެހިފައިވާ ކަމަށެވެ.

އަދި މަސްތުވާ ތަކެތީގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ ބޭނުން ކުރާ މީހާއަށް ނޫން ކަމަށާ، އޭގެ ސަބަބުން، އެމީހާގެ އާއިލާ އަށާއި، މުޅި މުޖުތަމަޢުއަށްވެސް އަދި މުޅި އުންމަތަށް ވެސް ސީދާ އަދި ނުސީދާގޮތުން ގެއްލުން ލިބޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކީގައި ކުރިމަތިލާ، އެ ވަބާ މުޖުތަމައުން ފޮހެލުމަށް މަސައްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy