ރައީސްގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. މިފާރަކީ 21000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީޚީ މުހިންމު ބިނާއެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައިނއެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.