ސެޕްޓެމްބަރ 20, 2024 06:06

ރާއްޖެއިން އިންތިޒާމުކޮށްގެން ޗައިނާގައި ބޭއްވި އިންވަސްޓްމަންޓް ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޗައިނާ ދަތުރުފުޅުގައި ބޭއްވި އިންވެސްޓްމެންޓު ފޯރަމުގައި ބޮޑެތި އިންވެސްޓަރުން ބައިވެރިވި: ސައީދު

އައިޝަތު އިބްރާހީމް
ޖެނުއަރީ 10, 2024

ޗައިނާގައި މި ފަހަރު ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު ބޮޑެތި އިންވެސްޓަރުން ބައިވެރިވިކަމަށާއި މިއީ ލިބުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ސައީދު ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޗައިނާއާ ގާތް ގުޅުން އޮތް ގައުމަކަށް ވާތީ ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރައީސް ޑރ. މުއިއްޒާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑު ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ނިމިގެން ދިޔަ އިރުވެސް މިފަދަ ބޮޑު އިންވެސްޓްމެންޓް ފޯރަމެއް ބޭއްވިފައި ނުވާކަމަށާއި މިފަހަރުގެ  ފޯރަމް ވަރުގަދަ ވާން ދިމާވި އެއް ސަބަބަކީ މިއީ ކަމަށެވެ. އެގޮތުން މިފޯރަމުގައި އެއާލައިންތަކާއި ފައިނޭންސް ބޭންކުތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އޭވިއޭޝަން އިންޑަސްޓްރީގެ އިންވެސްޓަރުން ބައިވެރިވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެއާ އެންގޭޖުވާން ބޭނުންވާ ބޮޑެތި ކުންފުނިތައް އަޅުގަނޑުމެންނަށް ފާހަގަވި. އެއީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކަށައަޅުއްވާފައި މިވާ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް މި ލިބުނީ" – މިނިސްޓަރ ސައީދު

ރައީސްގެ މި ދަތުރުފުޅަކީ ދެގައުމަށްވެސް ވަރަށް ހާއްސަ ދަތުރުފުޅެއްކަމަށް ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މި އަހަރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު މި ކުރެއްވީ ޗައިނާއަށް ކަމަށާއި އަދި މިއީ ބޭރު ގައުމެއްގެ ވެރިއަކު ޗައިނާ އަށް މި އަހަރު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސްކަމަށެވެ.

ރައީސްގެ ދަތުރުފުޅުގައި މިދިޔަ ދެ ދުވަހު ހޭދަކުރެއްވީ ފުޖިއާން ޕްރޮވިންސްގައެވެ. އަދި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ އިތުރުން ރާއްޖެއާ ގުޅުން ހުރި ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކާ ވެސް ރައީސް ޑރ. މުއިއްޒު އެ ދެ ދުވަހު ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ކޮށްފައެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށް ވާއިރު ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފަދަ މަޝްރޫއުތަކަކީ މިހާރުވެސް ފެންނަން ހުރި މުހިންމު އަދި ބޮޑެތި މަޝްރޫއުތަކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy