ފޫޖިއާން ޕްރޮވިންސްގެ އިތުރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި، ސަގާފީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ދައްކަވަމުން ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޤައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ޤައުމަކަށް ޗައިނާ ވެގެންދިއުމަކީ ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ، އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެ ވަފުދުންވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ފޫޖިއާން ޕްރޮވިންސްގެ ލީޑަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަރުޙަބާގެ ޖާފަތެއް ދެއްވާފައެވެ.