ސެޕްޓެމްބަރ 20, 2024 04:17

ރައީސްގެ ދެކަނބަލުންނަށް ޗައިނާއިން ރަތްދޫލައިގައި ހޫނު މަރުހަބާއެއް

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެޤައުމަށް ވަޑައިގަތުމާއެކު ޗައިނާއިން އެމަނިކުފާނުގެ ދެކަނބަލުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

ރައށްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެގޮތުން މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބާއި ރައީސް އޮފީހުގެ އެހެން ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއީ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy