ސެޕްޓެމްބަރ 20, 2024 04:14

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް، ރާއްޖޭގެ ސަފީރު ހާޒިރު ކުރަނީ

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ގޮވާލައި ރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައެވެ.

މޯދީގެ އެ ވީޑިއޯއާ ގުޅިގެން އިންޑިއާގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި މޯދީ ދެއްވި އެ މެސެޖަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި އިންޑިއާގައި ތިބެގެން ވެސް ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްލެވޭނެ ކަމެވެ.

މި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އިންޑިއާއަށާއި މޯދީ އަށް ފާޑުކިޔައި ރައްދު ދިނެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މޯދީއަށް މަލާމާތް ކުރައްވައި އެކްސްގައި ތަފާތު ޕޯސްޓުތައް ހިއްސާ ކުރައްވާފައިވެއެވެ.

އެއާއެކު، އިންޑިއާގެ މީޑިއާތަކާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރައްދުދީ، ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy