މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ކެބިނެޓް ނިންމުންތައް ހާމަކުރުމަށް ނޫސްވެރިންނާައެކު ބޭއްވި ބައްދަލުވުމެއްގައިިޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މިނިސްޓްރީއޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އަދި މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށާއި އަދި އެގޮތަށް އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށްވެސް އިއްޔެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައިވާކަމަށް ނާޒިމްވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އުޅޭ ނޫސްވެރިންނަށް ހާއްސަ އިސްކަމެއްދެއްވައިގެން ކަންތައްތަކެއް ކުރައްވާނެކަމަށް ރައީސް ޑރ މުއިއްޒު ވަނީ ނޫސްވެރިންގެ ގުންޒަރުގައި ވިދާޅުވެފައެވެ. އަދި މީޑިޔާ ވިލެޖަކީ އެމަނިކުފާނުގެ ވައުދުފުޅެއްވެސްމެއެވެ.