ސެޕްޓެމްބަރ 20, 2024 06:19

ހދ. ކޭލަކުނު – ފޮޓޯ: ޓްވިޓަރ

ކޭލަކުނު އީކޯ ޓުއަރިޒަމަށް ފައްކާކުރުމަށް ހާއްސަ ދިރާސާއެއް

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

ހދ. ކޭލަކުނު އީކޯ ޓުއަރިޒަމަށް ފައްކާކުރުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ކޭލަކުނުގައި އީކޯ ޓޫއަރިޒަމްގެ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަނދިކަން ނުގެއްލޭ ގޮތަށް އީކޯ ޓުއަރިޒަމަށް ފައްކާ ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކޭލަކުނަކީ އީކޯ ޓުއަރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީއެންމެއަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ވެސް ފާސްކޮށްފައިވާ ކަމަށެވެ.

"މިރަށް (ކޭލަކުނު) އީކޯ ޓުއަރިޒަމްގެ ގޮތުގައި ތަރައްގީ ކުރާއިރު މިދަންނަވާ ކަންތައްތަކަށް ސާމަލުވުމަށް ވަނީ ނިންމާފަ. އެގޮތުން މިރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް މިރަށް ތަރައްގީ ކުރެވޭނެ ގޮތެއް ހޯދުމަށްޓަކާ މިނިސްޓްރީ އޮފް ކްލައިމެޓް އެންޑް އެންވަޔަރަމަންޓާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން އިތުރު ސްޓަޑީއެއް ހެދުން. މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ގާއިމުކުރުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޭލަކުނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޭލަކުނު ފަރުތަކާއި މުރަކަތަކަށް ގެއްލުމެއް ނުވާނެހެން އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓީން ރޫމުތަކެއް އެޅެނޭ ގޮތްތަކެއް އޮތްތޯ ބަލައި ދިރާސާ ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy