ސެޕްޓެމްބަރ 20, 2024 09:06

ހުރިހާ ވައުދެއް ފުއްދެވުމުގައި، ވަފާތެރިކަމާއެކު ހުންނަވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދެވުމުގައި ދެމި ހުންނަވާނެ ކަމަށާ އެ މަސައްކަތު ގައި ވަފާތެރި ކަމާއެކު ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ގައި މިރޭ ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ތަގުރީރު ގައި ވެރިކަަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް އާ ކުރައްވާ އެ ވައުދުތައް ފުއްދެވުމުގައި ދެމި ހުންނަވާނމެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ދިގުކޮށް ކުރިއަށް ގެންދެވި ތަގުރީރު ގައި އެ މައުލޫގައި ރައީސް ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދަކަށް އަމާނާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"މިސާލަކަށް އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާސިލު ކުރާނެ ކަމަށް އަޅުގަނޑު ވައުދުވި ކަންކަން. މާތް ﷲގެ އިރާދަފުޅުން އެ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް ކެންޕޭނު ގައި އަޅުގަނޑު ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅި ވަރަށް އަޅުގަނޑުމެން އެ ވަނީ ނިންމާފާ،"

އެންމެ މުހިންމު ކަމަށް ފާހަގަ ކުރެއްވީ އިންޑިއާ ސިފައިން ބޭލުމެވެ. ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން އަނބުރާ ގެންދިއުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އިންޑިއާގެ ދައުލަތަށް އެންގި ކަމަށާ އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީ ފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށެވެ. އިންޑިޔާ ސަރުކާރުން ދެއްވާފައިވާ ޔަގީން ކަމަކީ އެ ގައުމުގެ ސިފައިން އަނބުރާ ރާއްޖެ އިން ގެންދާނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ކަށަވަރު ކަމަކީ އިރާދަކުރެއްވިއްޔާ ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެން ދާނެ ކަން. އިރާދަކުރެއްވިއްޔާ އެކަން ހާސިލް ކުރާނަން،"

މީގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ "ބަތާނަ" އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ކަން ފާހަގަ ކުރައްވާ ދިވެހި ކަނޑުތަކުގެ މުއްސަނދި ކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް އަދި ގައުމީ ވާޖިބެއް ކަމުގައި ވިދާޅުވި އެވެ. އެ ސަބަބަށް ޓަކައި އިންޑިއާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން އިންޑިއާ ސަރުކާރަށް އަންގައިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން. އެކަމުގެ ގާބިލުކަން ދިވެހި ސިފައިންގައި އަށަގެންނެވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެންގެ ސަރުކާރު ވާނީ މި ސާދަ ހަފުތާގެ ތެރޭގައި ފަށައިފާ. އެ ކަމަށް ބޭނުންވާ މީހުން ބިނާކުރުމާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ހަލުވިކަމާއެކު ކުރިއަށް އެބަ ގެންދަން،"

މީގެ އިތުރަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވަފާތެރިވަމުން ކަމުގައި ވިދާޅުވި އެވެ. އަދި މަސްވެރީންނަށް ޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ގައި ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ވެވަޑައިގެންނެވި ވައުދެެއްކަން ފާހަގަ ކުރައްވާ މި ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ކެބިނެޓުން ދާދި ފަހުން ފާސް ކުރެއްވުމަކީ ވެސް މިފަދައިން ނިމިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ.

1000 ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ތެރޭން ފުރަތަމަ ހައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތް ފެށިފައިވާ ކަމަށާ ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި އެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ތެލަސީމިއާ ބަލި ހުންނަ ކުދީންނަށް މަތީ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި ސަރުކާރުގެ ހަރަދު ގައި ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމުގެ އިންތިޒާމު ހިނގަމުންދާ ކަން ފާހަގަ ކުރެއްވި އެވެ.

"ފުރަތަމަ ކުއްޖާ މިހާރު ވަނީ ފޮނުވިފައި. އަދި އިތުރު ހަތަރު ކުދިން ވަރަށް އަވަހަށް ފުރާނެ،"

ރައީސްގެ ވާހަކަފުޅު ގައި ދަރީން ނުލިބުމުގެ ހިތާމަ ތަހަންމަލު ކުރަމުންދާ ދިވެހީންނަށް އެކަމުގެ ފަރުވާ ރާއްޖެއާ ރާއްޖޭން ބޭރުން ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާ ކަން ފާހަގަ ކުރައްވާ އާސަންދަ މެދުވެރިކޮށް އައިވީ އެފް ހެދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލްޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެހުމާއި ގެދޮރުވެރިކަމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމުގައި ސަރުކާރުންވީ ވައުދާއި އެއް ގޮތަށް ފުލެޓުތަކާ ގުޅޭ ގޮތުން އެތައް ލުއިތަކެއް ދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިސްކިތައް އާބާތުރަ ފިލުވައި ރީތިކުރުން އިހަށް ވުރެ ތިން ގުނައަށް އިތުރުކުރުމަށް ޓަކައި ވީ ވައުދާ އެއްގޮތަށް އެކަމުގެ ބަޖެޓަށް ވެސް 15 މިލިއަން އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުރިޔަށް އޮތް ހަފުތާތަކުގައި ވެސް އަދި އިރާދަކުރެއްވިއްޔާ މުޅި މި ދައުރުގައި ވެސް އަޅުގަނޑު ވެފައިވާ ވައުދުތައް އަޅުގަނޑުމެންގެ ހީވާގި މުރާލި ޓީމުން ފުއްދަމުން ގެންދާނަން،"

އެކަމުގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަ ކުރެއްވީ އިސްލާމީ ސިފަތަކާއި ޒަމާނީ ދިއްލުންތަކުން ދިވެހީންގެ އީދު ޒީނަތްތެރި ކުރުމަށް ވެވަޑައިގެންނެވި ވައުދަށެވެ. މިހާރު އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ވިދާޅުވެ ތަފްސީލް ދެއްވި އެވެ. ވިދާޅުވީ ކަމާބެހޭ ތަކެތި ރާއްޖޭން ބޭރުން ގެނެސް ކުރިއަށް އޮތް އީދުގައި މާލެ އާއި ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެ ކަމަށެވެ. ތަކުބީރު ތަހްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy