ސެޕްޓެމްބަރ 20, 2024 08:48

ނައިބު ރައީސް އެނބުރި މާލެ ވަޑައިގަތުން /ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރުފުޅުތައް ނިންމާލެއްވުމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 14, 2023

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޗައިނާ އަދި ސްވިޒާލޭންޑަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މި މަހުގެ ފަހެއްގައި ފެއްޓެވި އެ ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމަށް ވަޑައިގެން "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެ މަނިކުފާނު ސްވިޒަލެންޑަށް ވަޑައިގެންނެވީ މި މަހުގެ 10ގައެވެ.

އަދި ނައިބު ރައީސް ވަނީ ސްވިޒާލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ "ހިއުމަން ރައިޓްސް 75"ގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން "ފިއުޗާ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވެއެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހުރިހާ އެންމެންނަށް ވެސް ކުރިމަތިލާން ޖެހިފައި ވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައި ވާކަމަށް ވިދާޅުވެފައެވެ.

އަދި މި ހަރަކާތުގެ ހަވާސާގައި، ނައިބު ރައީސް ވަނީ އެހެން ޤައުމުތަކުގެ އިއްޒަތްތެރިންނާއި އ.ދ.ގެ އިދާރާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy