ސެޕްޓެމްބަރ 20, 2024 04:11

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފެށިފައި /ފޮޓޯ؛ އާރްޑީސީ

އަމީނީމަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 9, 2023

އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

އާރްޑީސީއިން 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އަމީނީ މަގުގެ 12 އަދި 13 ވަނަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު 6:00 ގައެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރީ ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ތަރައްގީކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެ، މަގުގެ މަސައްކަތް ނިމޭގޮތް ވަނީ ނުވެފައެވެ. ކޮންޓްރެކްޓަރ އާރްޑީސީން މަސައްކަތް މެދުކަނޑާލީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ އޭރު ޕްލޭނިން މިނިސްޓްރީން އެގޮތަށް އަންގައިގެންނެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނިގެން ފެށި މަސައްކަތެއް ކަމަށެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެމަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައެވެ.

84.4 މިލިއަން ރުފިޔާއަށް އާރްޑީސީ އާއި ހަވާލުކޮށްފައިވާ މި މަސައްކަތް މިސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ނިންމަން ދީފައި އޮތް ތާރީހަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy