ސެޕްޓެމްބަރ 20, 2024 04:05

ރަނގަޅުޖީލެއް ބިނާކުރެވޭނީ ސައްޙަ އަޤީދާގެ މައްޗަށް ދަރިން ތަރުބިއްޔަތު ކޮށްގެން: ޚުތުބާ

ފާތިމަތު އިސްރާ
ޑިސެމްބަރ 8, 2023

އިސްލާމްދީނުގެ އަސާސްކަމުގައިވާ ސައްހަ އަގީދާގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން،" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހެޔޮމިންވަރާއި ނުބައި މިންވަރަށް ފުރިހަމަޔަށް އީމާން ނުވާމީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަސްލަހަތަށް ކަމުގައެވެ. އަދި އެގޮތަށް އަމަލު ކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީނަމަވެސް އެއްވެސް ފަރުވާލެއް އެބައި މީހުން ނުބަހައްޓާނޭކަމަށެވެ. އެހެންނަމަވެސް އިންސާނާ ބާއްޖަވެރިއަކަށް ވުމަށްޓަކައި ސައްހަ އަގީދާއެއްގެ މަތީ ސާބިތުވެ ހުރުމުގެ މުހިންމުކަމަށް މިއަދުގެ ހުތުބާގައި ވަނީ އަލިއަޅުވައިލާފަައެވެ.

އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުމާއި މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާ ކަމަށާއި އެއީ އޭނާ މާތް ﷲގެ ގަޟާގަދަރަށް އީމާންވެ، އެކަލާނގެއީ ތައުބާވާމީހުންގެ ތައުބާ ގަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަން ގަބޫލުކުރާތީ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މުޖުތަމަޢަށާއި ގައުމަށް ފައިދާ ކުރަނިވި އަދި ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ދަރިން ވާނީ ދަރިން އިސްލާމީ އަގީދާގެ މަތީގައި ސާބިތުކަމާއެކު ތަރުބިއްޔަތުކޮށްގެން ކަމަށް ޚުޡުބާގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެދަރިންގެ ކިބައިން މައިންބަފައިންގެ ހިތްތަކަށް ފިނިކަން ލިބޭނީވެސް އެއިރުން ކަމުގައިވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ބުނީ، ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެންނައިރު، ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބާއްވާ ކަމަށެވެ.

ހުތުބާގައި ބުނީ، އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށެވެ. އަދި ސައްހަ އަގީދާއަކާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއްވެސް ނުކުރާނެ ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ބުންޏެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy