ސެޕްޓެމްބަރ 20, 2024 09:09

ރައްޔިތުންގެ މަޖިލިސް /ފޮޓޯ: މަޖިލީސް

ފެނަކައިން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 5, 2023

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި، ކަރަންޓާއި، އައިސްޕްލާންޓް އަދި ނަރުދަމާއާއި ބޮޓްލިން ޕްލާންޓްތަކުގެ ޚިދުމަތް ދެމުންގެންދާ ފެނަކައިގެ މުވައްޒަފުން، މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ވަޒީފާއިން ވަކިކޮށް ޖައްސަމުންގެންދާ ހާލު ކުށްވެރިކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލައަށް ބަހުސް ކުރައްވާ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މި މައްސަލައަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރަމުން ދަނީ ބޭއިންސާފުން ކަނޑައި، ގެއަށް ފޮނުވާ ރައްޔިތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަމުން ދިޔަ ވަގުތު ސަރުކާރު ތަމްސީލު ކުރާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، ޕީޕީއެމްގެ ކުރީގެ ވެރިކަން 2018 ވަނަ އަހަރު ނިމުނުއިރު މާބޮޑު ދަރަންޏެއް ފެނަކައިގަ ނެތް ކަމަށެވެ. އެމްޑީޕީ މެންބަރުން ހަރު އަޑުން އެކަމާ ވާހަކަދައްކާއިރު ފެނަކައިގެ ދަރަނީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ އެބައޮތް ކަމަށް ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ މުވައްޒަފުންނަކީ ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އަޅަން ހަވާލުކޮށްފަތިބި މުވައްޒަފުންތަކެއް ކަމަށާއި އިންޖީނުގެއާއި ބޮޓްލިން ޕްލާންޓް އަޅާ ނިމުމުން ދެން އެމީހުންގެ ވަޒީފާ ކަންތައް ނިމޭނެ ކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު، ފެނަކައިގެ ދަރަނި އޮތީ ތިން ބިލިއަނަށް ވުރެ އިތުރުވެފައެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy