ސެޕްޓެމްބަރ 20, 2024 06:32

ޗެލްސީ އާއި ލިވަޕޫލް އުނދަގުލުން މޮޅުވެ ކުރިއަށް

ފާތިމަތު އިސްރާ
ޑިސެމްބަރ 4, 2023

އިނގިރޭސި ޕްރިމިއަރ ލީގުގައި މަޝްހޫރު ލިވަޕޫލް އާއި ޗެލްސީ މިރޭ އުނދަގުލުން މޮޅުވެ މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.

ލިވަޕޫލް މޮޅުވީ އަމިއްލަ ދަނޑުގައި ފުލަމްއާ ވާދަކޮށް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ލިވަޕޫލްއިންނެވެ. މިއީ ފުލަމްގެ ބާންޑް ލެނޯ އަތުން މެޗުގެ 20 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ. ފުލަމްގެ ހެރީ ވިލްސަން 24 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް ދެވަނަ ފަހަރަށް ލިވަޕޫލްއިން ލީޑް ނެގީ 38 ވަނަ މިނެޓުގައި މެކް އެލިސްޓާ ކާމިޔާބު ކުރި ލަނޑުންނެވެ. ފުލަމްއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ކެނީ ޓިޓޭއެވެ.

ދެވަނަ ހާފް ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ލިވަޕޫލް ސިއްސުވާލުމަށްފަހު ފުލަމްއިން ލީޑް ނެގީ ބޮބީ ޑި ކޯޑުވާ ރެއިޑުގެ ލަނޑުންނެވެ. ދޫނުދީ ކުޅެމުންދިޔަ ލިވަޕޫލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ 87 އަދި 88 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު ވަޓަރު އިންޑޯ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޓްރެންޓް އެލެގްޒަންޑަރ އާނޯލްޑެވެ.

ޗެލްސީ މޮޅުވީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-2 އިންނެވެ. ޗެލްސީން ކާމިޔާބު ކުރި ތިންލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްއެވެ. ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލެވީ ކޯލްވިލްއެވެ. ބްރައިޓަންގެ ދެލަނޑު ކާމިޔާބު ކޮށްދިނީ ފަކުންޑޯ އާއި ޖޮއާއޯ ޕެޑްރޯއެވެ.

މިރޭ ހޯދި މޮޅާއެކު ލިވަޕޫލް އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ޗެލްސީ 10 ވަނައިގައި އޮތީ 19 ޕޮއިންޓާއެކުއެވެ

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy