މަޖިލީހުގެ ނައިބު ރައީސްއަކަށް އަޙްމަދު ސަލީމް ހޮވުމަށް އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފުވި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ، ޕާޓީއަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
އެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް އެ މައްސަލަ ހުށަހަޅުއްވަން ނިންމެވީ ޕީޖީ ގްރޫޕުގެ ލީޑަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ސަލީމުގެ އިތުރުން، ވިޕާ ހިލާފުވެވަޑައިގެންނެވި ޖާބިރެވެ. ޖާބިރު ވެސް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި އިއްޔެ ނެގުނު ސިއްރު ވޯޓަކުން ފާސްކުރީ ރޭ އިންތިހާބުވެވަޑައިގެންނެވި ސަލީމް ވާދަކުރައްވާ ގޮތަށެވެ.
އެ ވޯޓުގައި 74 މެންބަރުން ބައިވެރިވިއެވެ. ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 51 ވޯޓެވެ. ޖާބިރަށް 23 ވޯޓު ލިބިވަޑައިގަތެވެ.