ސެޕްޓެމްބަރ 20, 2024 11:49

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ /ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާއިން ވަނީ އެއްބަސްވެފައި: ރައީސް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 3, 2023

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތުރުކީ އަދި ކޮޕް-28 ސަމިޓުގެ ދަތުރުތައް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ވެލާނާ އެއާޕޯޓުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި ވެސް ވަރަށް ގަދައަށް ދެއްކެވި ވާހަކަފުޅެއް ކަމަށާއި އެއަށް ފަހު ޓްރާންސިޝަން މަރުހަލާގައި އިންޑިއާގެ ބޭފުޅުންނާއެކު ހަތަރު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

ރައީސް ކަމުގެ ހުވާ ކުރުމަށްފަހު ޖެހިގެން އައި ދުވަހު އިންޑިއާއާއެކު ބޭއްވި ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، އިންޑިޔާގެ ސަފީރާ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެދުވަހު ރަސްމީކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ކުރެވުނު މަސައްކަތުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިއަދާއި ހަމައަށް ކުރެވުނު މަސައްކަތުގައި، އިންޑިއާ ސަރުކާރުން އެއްބަސްވެފަ ވަނީ، ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގަ މަސައްކަތްތައް އެބަ ކުރެވޭ، ދެ ޤައުމުގެ ޓެކްނިކަލް ލެވެލްގަ، މަސައްކަތް އެބަ ހިނގާ."

މި ސަރުކާރުން ހާމަކުރި ގޮތުގައި އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy