ސެޕްޓެމްބަރ 20, 2024 04:10

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް، ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާ އެވޯޑާ ހަވާލުވެލައްވަނީ /ފޮޓޯ: ވޯލްޑް ޓްރެވެލް އެވޯޑްސް

"2023 ގެ ޓްރެވެލް ޕާސަނަލިޓީ" އެވޯޑު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 2, 2023

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "2023ގެ ޓްރެވަލް ޕާސަނަލިޓީ" އެވޯޑް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑު ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރުޖް އަލް އަރަބުގައި ބޭއްވި ވޯލްޑު ޓްރެވަލް އެވޯޑްސްގެ ގްރޭންޑު ފައިނަލު ހަފުލާގައެވެ.

ދުނިޔޭގެ ޓްރެވެލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ޓޫރިޒަމްގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑްގެ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ މީހަކަށް ދޭ އެވޯޑެކެވެ.

މީގެއިތުރުން ރޭގެ ހަފުލާގައި ރާއްޖެއިން ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއި އަލަށް ދޭން ފެށި ރިސެލިއެންސު އެވޯޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުންވެސް ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓަލްތަކުން ވަނީ ފަތުރުވެރިކަމުގެ އެކި ގިންތިތަކުން ދޭ ތަފާތު އެވޯޑުތަކެއް ހާސިލުކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަނުކުރެއްވީ ދައުރުގެ މެދުތެރެއިން 2020 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ރައީސް ސޯލިހުގެ ދައުރު ނިމެންދެން ހުންނެވީ އެ މަގާމުގައެވެ. ކޮވިޑު19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަނެ، ކުރިއެރުވުމުގައި ޑރ. މައުސޫމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ އޭނާއަށް ލިބުނު މި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޑެޑިކޭޓު ކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy