ސެޕްޓެމްބަރ 20, 2024 04:16

ކޮޕް ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބއްދަލުކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑު ވަޒީރާ ރައީސް ބައްދަލުކުރެއްވުން: ގުޅުން ބަދަހި ކުރުމަށް ކޯ ގުރޫޕެއް އުފައްދަނީ!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 2, 2023

ރާއްޖެ އާއި އިންޑިއާގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

ޔޫއޭއީގައި ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ  ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، އިގްތިސޯދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ކޯ ގްރޫޕެއް އުފެއްދެވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި މޯދީ ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާ އެކު ބޭއްވީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

"އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނެ ތަފާތު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމެވެ.." މޯދީގެ ޕޯސްޓުގައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ޕީޕީއެމުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން، މި ސަރުކާރުން އިންޑިއާއެކު ގާތްގުޅުމެއް ނުބައްވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާއެކު އޮންނަ ގާތް ގުޅުމަށް އިހުތިރާމްކުރައްވާ، މަޝްވަރާތަކުގެ އަލީގައި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮޕް-28 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް މުއިއްޒާއެކު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެ ސަމިޓުގައި ރައީސް މުއިއްޒު އިއްޔެ ތަގުރީރު ވެސް ކުރެއްވިއެވެ. ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވެއެވެ.

ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ ގިނަ ގައުމުތަކެއްގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރޭގައި އިނގިރޭސި ރަސްގެފާނު ޗާލްސް ވެސް ހިމެނެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy