ސެޕްޓެމްބަރ 20, 2024 08:52

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ /ފޮޓޯ: މަޖިލިސް

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ކޮމިޓީއިން ފާސްކޮށްފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 26, 2023

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތް ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އީސީން ހުށަހެޅީ, މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ދެ ގޮތެކެވެ. އެއީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28 ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޓީގައި ފާހަގަކުރެއްވި ގޮތުގައި މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ 30 ދުވަސް ދިނުމުން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 ގަ އެވެ. އެއީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ. ނަމަވެސް އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް މާޗް 17، އިން 28 އަށް ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެހެންވެ ދެން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއް ކަމަށް އޭނާ ވިދާޅުވީ މާޗް 30، 2024 އެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް 20، ވަނަ ދުވަހު ކަމަށާއި އޭރުން ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ އޭޕްރީލް 27، ގައި ކަމަށް ވިދާޅުވި އެވެ. އޭރުން އިންތިހާބު ބާއްވައި ނިމޭނީ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy