ސެޕްޓެމްބަރ 20, 2024 12:35

ތިންމަސްދުވަހަށް ލަމްހާ ބަންދުން ދޫކޮށްލައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 23, 2023

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ބަންދު މުރާޖާކުރުމާ ގުޅޭގޮތުން މިއަދު ގޮތެއް ނިންމުމަށް ތާވަލްކުރި އަޑުއެހުމުގައި ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވާ އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީގެންނެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy