ސެޕްޓެމްބަރ 19, 2024 23:53

ހަމަ ނިދި ލިބުން – ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް މުހިންމު ކަމެއް

ނިދި ހަމަކުރުން: އެތައް މައްސަލައެއްގެ ހައްލު

އައިޝަތު އިބްރާހީމް
ނޮވެމްބަރ 22, 2023

ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިންމު އެއް ކަމަކީ ފުރިހަމަ ނިދި ކަމަށްވާ އިރު ދިރިއުޅުމުގެ ބިޒީ ޝެޑިއުލްތެރެއިން ފުރިހަމަ ނިދި ހޯދުމަށް ސަމާލުކަން ދެވެނީ ނިސްބަތުން މަދު އަދަދެއްގެ މީހަކަށެވެ. ނިދި މަދުވުމަކީ ތިމާގެ ސިއްހަތާއި ހަށިގަނޑަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށް ދާއިމީ ބައްޔަކަށް ބަދަލުވާ ފަދަ ނުރައްކާތެރި ކަމެކެވެ.

ކޮންމެ ބޮޑު މީހަކަށްވެސް މަދުވެގެން ދުވާލެއްގެ މައްޗަށް 8 ގަޑި އިރުގެ ނިދި ބޭނުންވާ ކަމަށް ސިއްހީ މާހިރުން އިއްތިފާގުވެއެވެ. ނިދި ހަމަކުރުމުގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. މިކަމުގެ ސަބަބުން މީހާ އަވަސް އަވަހަށް ބަލިވުމުން ސަލާމަތްވެގެންދެއެވެ. އާންމުކޮށް ޖެހޭ ފްލޫ ފަދަ ބަލިތަކަކީ ދިފާއީ ނިޒާމު ވަރުގަދަ ނަމަ އިތުރު ބޭހަކާ ނުލާވެސް ރަނގަޅު ވާފަދަ ބަލި ތަކެވެ. ނަމަވެސް ތިމާގެ ދިފާއީ ނިޒާމު ބަލިކަށި ނަމަ އިތުރު ބަލިތައް ނުވަތަ "އޮޕަޗުނިސްޓިކް ޑިސީސް" ތައް ޖެހުމަށް މަގުފަހިވެއެވެ.

މީގެއިތުރުން ހަމަ ނިދި ނުލިބުމަކީ މީހާ ވަރުބަލިވެ ކަންކަމަށް ދެވޭ ސަމާލުކަން ދައްވެގެން ދާ ކަމެކެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ނުވަތަ ސުކޫލުގައިވެސް މިކަންތައް ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ. ހަމަ ނިދި ނުލިބި ދަރިވަރު ސުކޫލަށް ދިއުމުގެ ނަތީޖާއަކަށް ވެގެންދަނީ ކިޔަވަދޭ ފިލާވަޅަށް ސަމާލުކަން ނުދެވި ކިޔަވަދޭ އެއްޗެއް އޮޅުން ނުފިލުމެވެ. އަދި މިކަމުގެ ސަބަބުން ޓެސްޓުން ލިބޭ މާކްސް ދައްވެގެންދާތަން ވެސް އާދެއެވެ. މިފަދަ ހުރިހާ މައްސަލައެއްގެވެސް ހައްލަކީ ނިދި ހަމަ ކޮށްލުމެވެ.

ހަމަ ނިދި ނުލިބުމުން ހަށިގަނޑަށް އެތައް ގެއްލުމެއް ކުރިމަތިވޭ

ނިދި ނުލިބުމަކީ ބައެއް މީހުންގެ ބަރުދަން އިތުރުވާ ވެސް ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުން ނިދި މަދުވުމުގެ ސަބަބުން ބަނޑުހައިވުމާއި ކާހިތްވުމާއި ބެހޭ ހޯމޯންސްތަކަށް އަސަރު ކުރެއެވެ. އަދި ނުނިދާ ގިނަ ވަގުތު އުޅޭނަމަ ބަނޑުހައިވުން ބޮޑުވާނެ ކަމަށާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އަށް މީހާގެ ޝައުގު އަނބުރާލާކަމަށް ވެސް ބުނެއެވެ.

ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންޖެހޭ ބީދައިން ނިދުމަކީވެސް ވަކި ހަމައެއްގައި ހިފަހައްޓަން ޖެހޭ ކަމަކެވެ. އެގޮތުން މާ ގިނައިން ނިދުމަކީވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. ޔޫރަޕިއަން ހާޓް ޖާނަލްގައި ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ނިދަން ކަނޑައަޅާފައި އޮންނަ މިންވަރަށް ވުރެ ގިނައިން ނިދުމަކީ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމެކެވެ. އެގޮތުން ހައްދުން ނެއްޓޭ ވަރަށް ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވެ، ސްޓްރޯކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

އެކާވީސް ގައުމެއްގެ މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ނިދަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނިދާ މީހުންނަށް ސްޓްރޯކް ޖެހި، ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވެފައިވެއެވެ.

އެހެންކަމުން ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ހަމަ ނިދި ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ. ދުޅަހެޔޮ ސިއްހަތަކަށް މަގު ކޮށަން ބޭނުންވަނީނަމަ ނިދި ހަމަކުރަން ސަމާލުކަންދޭށެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy