ސެޕްޓެމްބަރ 20, 2024 08:57

މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

ފާތިމަތު އިސްރާ
ނޮވެމްބަރ 20, 2023

މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ގޮތަށް އެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބަޖެޓަކީ މިއަހަރުގެ ކުރިއަށް އޮތް ބައިގައި ސަރުކާރުން އިތުރަށް ހަރަދު ކުރަން ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓެކެވެ.

މިއަދުގެ ޖަލްސާއިން މި ބަޖެޓް ފާސްކުރީ، ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްްވިއެވެ.

މި ބަޖެޓް މަޖިލީހުން ފާސްކުރުމުން މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގައި ހިމެނެނީ، ރިކަރަންޓްގެ 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ވަނީ ހިމަނައިފައެވެ. އާސަންދައަށް 1.2 ބިލިއަން ރުފިޔާ އިތުރަށް ވަނީ ކަނޑައަޅައިފައެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި، ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅައިފައިވާއިރު އޭގެ ތެރެއިން، އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެެއީ 344 މިލިއަން ރުފިޔާ އެވެ. ހދ. ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy