އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސިފައިންގެ އިސް ބޭފުޅުންނެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ބަންޑާރަކޮށްޓަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ސިފައިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި ރައީސްގެ ޝަރަފުގައި އޮނާ ގާޑެއް އަރުވައިފައެވެ. އަދި ސިފައިންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ވެސް ދައްކަވާފައިވެއެވެ
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.