ސެޕްޓެމްބަރ 20, 2024 03:44

ފަލަސްތީނުގެ ސަފީރާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނާއެކު، ހައްގުތައް ހޯދަން ތާއީދު ކުރާނަން: ރައީސް ޑރ. މުއިއްޒު

އައިޝަތު އިބްރާހީމް
ނޮވެމްބަރ 19, 2023

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް ތާއީދުކުރައްވާނެ ކަމަށާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަލީދު އަބޫއަލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ސަފީރު ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ނަންފުޅުގައި ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވާ، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނާއި އިސްރޭލުގެ ބޯޑަރު 1967 ގެ ކުރީގައި އޮތްގޮތަށް ރުޖޫއަވެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރެވުމަކީ ދިވެހިރާއްޖެއިން އެދޭގޮތް ކަމަށް ވިދާޅުވެފައެވެ.

އިހުތިރާމުގެ ޒިޔާރާތުގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ދިވެހިރާއްޖެ އާއި ފަލަސްތީނާއި ދެމެދު އޮންނަ އެއްބައިވަންތަކަމާއި ގުޅުންތައް އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy