ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށްވުރެ ހައްގު އެހެން ކުޅުންތެރިއެއް ނެތްކަމަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފިއެވެ.
ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު މެސީ 8 ވަނަ ފަހަރަށް ހޯދީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި އެމްބާޕޭއާ ވާދަކޮށެވެ. މެސީ އަށް 462 ޕޮއިންޓް ލިބުނުއިރު، ހާލަންޑް އަށް ލިބުނީ 357 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ އެމްބާޕޭ އެއް ލިބުނީ 270 ޕޮއިންޓެވެ.
އެމްބާޕޭ މިހެން ބުނީ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑަށް ބެލޮންޑިއޯ ލިބެން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ބެލޮންޑިއޯ ލިބެން ޖެހޭނީ މެސީ އަށް ކަމަށެވެ. ސަބަބަކީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އާޖެންޓީނާ އާއެކު މެސީ ކާމިޔާބު ކޮށްފައިވާތީ ކަމަށެވެ. އަދި މެސީ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެމްބާޕޭ ބުނީ، އޭނާ އަދި ހާލަންޑް ވެސް ކާމިޔާބު ސީޒަނެއް ނިންމާލެވުނު ކަމަށެވެ. ނަމަވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުމާ، އެކަންކަމާ އެއްވަރު ނުވާނެ ކަމަށް އޭނާ ދެކެއެވެ. އެހެންކަމުން މެސީ އަށް ބެލޮންޑިއޯ އެވޯޑު ހައްގު ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ.
ކްލަބު ފުޓްބޯޅައިގައި މެސީ އަށް މާ ބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މެސީ އެވެ. އެ މުބާރާތުގައި މެސީ ވަނީ ހަތް ލަނޑު ޖަހައިފައެވެ.
ބެލޮންޑިއޯ ގަވައިދަށް ގެނައި ބަދަލާއެކު، މި އަހަރުގެ ބެލޮންޑިއޯ ހޮވުމުގައި ބަލާފައިވަނީ މިދިޔަ ސީޒަންގެ ރެކޯޑްތަކަށެވެ. މުޅި މި އަހަރުގެ ރެކޯޑްތަކަކަށް ނޫނެވެ.
"މިއީ އާޖެންޓީނާގެ މުޅި ޓީމުން ހޯދި ބޮޑު ކާމިޔާބީ އަށް ދޭ ހަދިޔާއެއް،" އެމެރިކާގެ އިންޓަ މަޔާމީ އަށް ކުޅެމުންދާ މެސީ ބުންޏެވެ.
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި މެސީގެ އާޖެންޓީނާ އާއި އެމްބާޕޭގެ ފްރާންސް ވާދަކުރިއިރު، މި މެޗުގައި އެމްބާޕޭ ހެޓްރިކެއް ހެދި އެވެ. މެސީ މި މެޗުގައި ދެ ގޯލު ޖެހި އެވެ. އިތުރު ވަގުތު ކުޅެ 3-3 އިން އެއްވަރުވި މެޗުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.