ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރީގެ ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.
1985 ވަނަ އަހަރުގެ ފެބްރުއަރީ 18 ގައި ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި އަބްދުއް ރަހީމް، ފުރަތަމަ އުޅުއްވީ ސިފައިންގެ 'ސިގްނަލްސް' ޑިޕާޓްމެންޓުގައެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް ޓަކައި އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވި އިރު އެ ކޯހުން އެއްވަނަ ހޯއްދެވިއެވެ. އެ ޑިޕާޓްމަންޓްގެ ރޭންކްތަކުން ކުރިއަށް ވަޑައިގެން ސެކަންޑް އިން ކޮމާންޑްގެ މަގާމު ވެސް އަދާކުރެއްވިއެވެ.
ސިފައިންގެ ހިދުމަތިގުގައި އަބްދުއްރަހީމް 37 އަހަރު ހޭދަކުރައްވާފައިވާއިރު، އޭނާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން ނިންމެވީ މަގާމުގައި ދެމިހުންނަވާށެވެ.
ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފައެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ހިންގުމުގެ އެންމެ އިސް ފަރާތެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ