ސެޕްޓެމްބަރ 20, 2024 04:01

ރައީސް ޑރ މުއިއްޒުގެ ކެބިނެޓް ހުވާކުރައްވައިފި! ކެބިނެޓްގައި ހިމެނޭ ބޭފުޅުންގެ ވަނަވަރު!

ފާތިމަތު އިސްރާ
ނޮވެމްބަރ 17, 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މަގާމުގެ ހުވާ ރައީސް އޮފީހުގައި ކުރައްވައިފިއެވެ.

ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެބޭފުޅުންގެ ވަނަވަރު ތިރީގައި މިވަނީއެވެ.

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމެންޓް

ޑރ. ޢަލީ ޙައިދަރު އަޙްމަދު

ޕްލޭނިން ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ޑރ. ޢަލީ ޙައިދަރުވަނީ، އިނގިރޭސިވިލާތާ ޖަރުމަންވިލާތުން މަތީ ތަޢުލީމް ހާސިލް ކުރައްވާފައެވެ. އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްގައި ޚިދުމަތް ކުރެއްވިއެވެ. ޑިވޮލޮޕްމަންޓް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގައިވެސް މަސައްކަތް ކުރެއްވިއެވެ. ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1981 ވަނަ އަހަރުއެވެ. އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އެކި މަޤާމުތަކުގައި ރާއްޖޭގެ ރަށްވެހި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. މީގެ ކުރީން 2008 ވަނަ އަހަރުވެސް ހައުސިންގ މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓް

ޑރ. މަރިޔަމް މާރިޔާ

ޑރ.މަރިޔަމް މާރިޔާއަކީ ތަޖްރިބާކާރު ޓީޗަރެއް އަދި ޓިޔުޓަރެކެވެ. ތަޢުލީމީ ދާއިރާގައި އެކަމަނާ މަސައްކަތްކުރައްވާތާ 31 އަހަރަށްވުރެ ގިނަވެއްޖެއެވެ. 2012 ވަނަ އަހަރު، ނިއުޒީލޭންޑުގެ މޭއްސީ ޔުނިވާސިޓީގައި އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އިތުރުން، ނިއުޒީލެންޑާ، އޮސްޓްރޭލިއާއާ، އިނގިރޭސިވިލާތުގެ އެކި ޔުނިވާސިޓީތަކުގައި ތަޢުލީމަށް ޚިދުމަތްކުރެއްވިއެވެ. ރާއްޖޭގައި އެކަމަނާ ވަނީ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ، ވިލާ ކޮލެޖާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައިވެސް މަސައްކަތްކުރައްވާފައެވެ.

މިނިސްޓަރ އޮފް ހެލްތް

ޑރ ޢަބްދުއްﷲ ޚަލީލް

ޑރ.ޢަބްދުﷲ ޚަލީލް ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1997 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ އިސް މަޤާމުތަކެއް ފުރުއްވިއެވެ. އަރިއަތޮޅު އުތުރުބުރިއާ، ނޫނު އަތޮޅުގެ އަތޮޅުގެ ވެރިކަން ކުރެއްވިއެވެ. ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރއްވާފައި ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން، ޔުނިވަރސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމްގައެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

ޑރ ޢަބްދުﷲ މުއްޠަލިބް

އިނގިރޭސި ވިލާތުގެ ލަންޑަނުން، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާޞިލްކުރެއްވުމަށްފަހު، ފުލުހުންގެ ވަޒީފާއާ ޑރ. ޢަބްދުﷲ މުއްޠަލިބު ގުޅިވަޑައިގަތީ 2009 ވަނަ އަހަރުއެވެ. ޤައުމީ ޚިދުމަތުގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައި ވަނީ ރަށްވެހި ތަރައްޤީއާ ޤައުމު ބިނާކުރުމުގެ ދާއިރާގައެވެ. މިގޮތުން، އެޗް.ޑީ.ސީ އާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މަތީ މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވާފައި ވަނީ، ޖިއޯ ޓެކްނިކަލް އިންޖިއަނިރިންގެ ދާއިރާއިން، އިނގިރޭސިވިލާތުންނެވެ. އެއީ 2020 ވަނަ އަހަރުއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ، ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއަރ

ޑރ. ޢާއިޝަތު ރަމީލާ

ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަޤާމުވެސް އަދާކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ޚިދުމަތަށް ޑރ. ޢާއިޝަތު ރަމީލާ ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ޚިދުމަތްތަކުގެ ދާއިރާގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޑރ ޢާއިޝަތު ޝިހާމް

ޑރ. ޢާއިޝަތު ޝިހާމް ޤައުމީ ޚިދުމަތަށް ނުކުމެވެޑައިގަތީ ޓީޗަރެއްގެ ގޮތުގައި 1983 ވަނަ އަހަރުއެވެ. އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަޤާމުވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަޤާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވިއެވެ. އެކަމަނާ މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީ ކައުންސެލިންގ އަދި ސައިކޮލޮޖީގެ ރޮނގުންނެވެ. ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަން

ޑރ. އިސްމާޢީލް ޝަފީޢު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަޤާމުގައި މިހާތަނަށް ހުންނެވި ޑރ. އިސްމާއިލް ޝަފީޢަކީ، ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި 2008 ވަނަ އަހަރު ގައުމަށް ޚިދުމަތްކޮއްދެއްވަން ފެށްޓެވި ބޭފުޅެކެވެ. ނ. ހޮޅުދޫ މޭނާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވުމަށްފަހު، 2012 އިން 2015 އަށް ދިވެހި ރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ނައިބުގެ މަގާމުގައި ހުންނަވައިގެން މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްދެއްވިއެވެ. އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނައަހަރު ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.

މިނިސްޓަރ އޮފް ފިނޭންސް

ޑރ މުޙައްމަދު ޝަފީޤް

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުޙައްމަދު ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވައި، އެ ކޯޕަރޭޝަންއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯއްދަވާދެއްވާފައެވެ. މާލީ އަދި އިޤްތިޞާދީ ކަންކަމުގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށްވެސް އެމަނިކުފާނު ކޮންސަލްޓެންސީ ދެއްވާފައިވެއެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަންވެސް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަދާކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުންނެވެ. އެމަނިކުފާނަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ބޮޑެތި އިސްލާމީ ޖަމާޢަތްތަކުގައި ޚިދުމަތްކުރައްވާ މަތީ މަޤާމުތައް ފުރުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވާފައިވެއެވެ. ދީނީ އަދި ޢިލްމީ މައުޟޫޢުތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެމަނިކުފާނަކީ ދީނީ ހޭލުންތެރިކަމާ ޢިލްމު ފެތުރުއްވުމުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން

ޢަބްދުﷲ ރާފިޢު

ސްޕޯޓްސް މެޑިކަލްގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ. ޢަބްދުﷲ ރާފިޢަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަވާ، އަދި ކަސްރަތާ ހަށިހެޔޮކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޤްބޫލު ބޭފުޅެކެވެ.

މިނިސްޓަރ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

އާދަމް ނަޞީރު އިބްރާހިމް

ދިވެހި ބަހުގެ ފުންނާބު އުސް އުސްތާޛެއް ކަމުގައިވާ އާދަމް ނަޞީރު އިބްރާހީމަކީ ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ރާއްޖޭގެ އެންމެ މަޤްބޫލު ޝާޢިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައް ދަނީ ކުރައްވަމުނެވެ. އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަޤާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަޤާމު އަދާކުރެއްވިއެވެ. ދިވެހިބަސް އުނގަންނައިދެއްވުމުގެ ރޮނގުން މާސްޓަރސް ޑިގްރީ އެމަނިކުފާނު ވަނީ ޙާޞިލްކުރައްވާފައެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް

އާދަމް ޝަރީފު ޢުމަރު

އާދަމް ޝަރީފް ޢުމަރަކީ އިނގިރޭސިވިލާތުގައި ތަޢުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ އެ ދާއިރާގެ ތަޖްރިބާކާރެކެވެ. 1981 ވަނަ އަހަރު ޤައުމަށް ޚިދުމަތްކުރައްވަން އެމަނިކުފާނު ފެށްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާގައި ދިގު މުއްދަތަކު ޚިދުމަތްކުރެއްވިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމު އަދާކުރެއްވިއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަޤާމުވެސް އެމަނިކުފާނުވަނީ ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

އަޙްމަދު ޝިޔާމް

2013 ވަނަ އަހަރު ޖަޕާނުގެ އޮސާކާގެ ނަގޯޔާ ޔުނިވަރސިޓީ އޮފް ކޮމާރސް އެންޑް ބިޒްނަސް (އެން.ޔޫ.ސީ.ބީ) އިން މާސްޓާރސް އޮފް ބިޒްންސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވާ އަޙްމަދު ޝިޔާމަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުންވެސް ވަރަށް ޤާބިލް ބޭފުޅެކެވެ. ޕްރޮފެޝަނަލް ސްކޫބާރ ޑައިވިންގ އިންސްޓްރަކްޓަރެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ވިޔަފާރީގެ ދާއިރާއާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެމަނިކުފާނުވަނީ ޚިދުމަތްކުރައްވާ ތަޖްރިބާ ޙާޞިލްކުރައްވާފައެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާރޒް، އިންޓަރނަލް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

ޢަލީ އިޙްސާން

ޢަލީ އިޙްސާން ވަނީ އެމެރިކާގެ މިލިޓްރީ އެކަޑަމީގައި، ޑިފެންސް ސްޓްރެޓެޖިކްގެ ރޮނގުންނާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އަދި ނަންޔަންގް ޓެކްނޮލޮޖީ ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓަރސް ޙާޞިލްކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ކެޕްޓަން ރޭންކުގައި 11 އަހަރު ޚިދުމަތްކުރެއްވިއެވެ. ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ އޮޑިޓް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވިއެވެ. އެމަނިކުފާނަކީ ދިފާޢީ ކަންކަމާ، ހިންގުމާ، ވިޔަފާރިއާ، ޓެކްނޮލޮޖީގެ ދާއިރާގައިވެސް ތަޖްރިބާކާރު ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޑިފެންސް

މުޙައްމަދު ޣައްސާން މައުމޫން

ޔުނިވަރސިޓީ އޮފް ލަންޑަންގައި ބަޔޮމެޑިކަލް ސައިންސް ރިސާޗްގެ ދާއިރާއިންނާ، މޮލެކިއުލާ ބަޔޮލޮޖީގެ ދާއިރާއިން، މުޙައްމަދު ޣައްސާން މައުމޫން ވަނީ މަތީ ތަޢުލީމް ޙާޞިލްކުރައްވާފައެވެ. އެމަނިކުފާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ސިޔާސީގޮތުން މަޤްބޫލް ޝަޚްޞިއްޔަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އިމްޕްލިމޭޝަން ޑިޕާޓްމެންޓް ވަނީ ހިންގަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާ، ޒުވާނުންނާ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އެމަނިކުފާނު މިހާތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮޅުމަޑުލު، ގުރައިދޫ ދާއިރާގެ މެންބަރުކަމުގައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

މުޙައްމަދު ސަޢީދު

މުޙައްމަދު ސަޢީދު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމުގައެވެ. 2013 އިން 2018 އަށް އެމަނިކުފާނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓެވެ. ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ، އޭޝިއާ އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓްމަންޓް ބޭންކުގެ ޑިރެކްޓަރުކަމާ، ދައުލަތުގެ ބޮޑު 3 ކުންފުންޏެއްގެ ސުޕަރ ސީއީއޯގެ މަޤާމް އެމަނިކުފާނު ފުރުއްވިއެވެ. ޓޫރިސްޓް ރިސޯޓްތައް ހިންގުމުގައި 18 އަހަރު މަސައްކަތް ކުރެއްވިއެވެ. އިޓަލީވިލާތާ އިނގިރޭސިވިލާތުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން އެމަނިކުފާނުވަނީ މަތީ ތަޢުލީމު ހާޞިލްކުރައްވާފައެވެ.

މިނިސްޓަރ އޮފް ފޮރިންގ އެފެއާރޒް

މޫސާ ޒަމީރު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަމުގައި މޫސާ ޒަމީރުވަނީ 5 އަހަރުދުވަހު ޚިދުމަތްކުރައްވާފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމަނިކުފާނު މަތީ ތަޢުލީމު ޙާޞިލްކުރެއްވީ އިނގިރޭސިވިލާތުގައެވެ. މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ޚިދުމަތް ކުރެއްވިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު 8 އަހަރު ފުރުއްވިއެވެ. އެމަނިކުފާނަކީ ވިޔަފާރީގެ ދާއިރާއާ ސިޔާސީ ދާއިރާގައިވެސް ތަޖްރިބާކާރު ޚިދުމަތްތެރި ބޭފުޅެކެވެ. 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުވަނީ އަދާކުރައްވާފައެވެ.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ޠާރިޤް އިބްރާހީމް

ޠާރިޤް އިބްރާހީމް ވަނީ، ބިލްޑިންގް ސައިންސްގެ ދާއިރާއިން ސިންގަޕޫރުގައި، އަދި ބިލްޑިންގް ސާވިސަސް އިންޖީނިއަރިންގްގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އެޗް.ޑީ.ސީ އާ އެމް.ޓީ.ޑީ.ސީ ގެ ޑިރެކްޓަރުންގެ ބޯޑުގައި ޚިދުމަތްކުރެއްވިއެވެ. މޯލްޑިވްސް އެނާޖީ އޮތޯރިޓީއާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ކުރެއްވިއެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ އެއް މުއައްސިސަކީ ޠާރިޤް އިބްރާހީމެވެ. މިނިސްޓަރ އޮފް އެނާޖީ އެންވަރަރަންމަންޓް އެންޑް އެނާޖީގެ މަޤާމު 5 އަހަރުދުވަހު އެމަނިކުފާނު އަދާކުރެއްވިއެވެ.

އެޓާރނީ ޖެނެރަލް

އަޙުމަދު އުޝާމް

އަޙްމަދު އުޝާމަކީ، ޤާނޫނީ ދާއިރާއާ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިއާއާ އިނގިރޭސިވިލާތުގައި މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 10 އަހަރު ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވާފައެވެ. މިގޮތުން، ޑިޕިއުޓީ ސްޓޭޓް އެޓާނީކަމާ، ޑިޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަމާ، ޑިޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. އެންމެފަހުން އަޙުމަދު އުޝާމް ހުންނެވީ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގެ މަޤާމުގައެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް

އިބްރާހިމް ފައިޞަލް

އިބްރާހީމް ފައިޞަލް މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުންނެވެ. އެއީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ. ސަރުކާރުގެ ޚިދުމަތުގައި އެމަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިޕިއުޓީ މިނިސްޓަރކަމުގެ މަޤާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެމަނިކުފާނުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި ޚިދުމަތްކުރައްވާފައެވެ.

މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް

އިބްރާހިމް ވަޙީދު

އިބްރާހީމް ވަޙީދަކީ ދިވެހި ނޫސްވެރިކަމާ މީޑިއާގެ ދާއިރާގައި ވަރަށް ޚިދުމަތްތެރި ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިންނެވެ. މި ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުގައި ތަފާތު ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ އިތުރަށް ނޫސްވެރިކަމަށް ގިނަ ބަޔަކު ވަނީ ނެރެދެއްވާފައެވެ. އިބްރާހީމް ވަޙީދަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ވަގުތު ޓީވީގެ އެއް މުއައްސިސެވެ. ސަންގުޓީވީ ހިންގެވުމުގެ އިތުރުން، ރާއްޖެ ޓީވީއާ، މިނިވަން ނިއުސްއާ، ހާމަ ނޫހާ، ޓީވީ މޯލްޑިވްސްގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

މުޙައްމަދު އަމީން

ސަރުކާރުގެ ޚިދުމަތަށް މުޙައްމަދު އަމީން ފެށްޓެވީ ދިވެހި ޤައުމީ ދިފާޢީ ބާރުގައެވެ. އޭގެފަހުން، ޝްރީލަންކާއިން ޕައިލެޓް ލައިސެންސް ޙާސިލްކުރައްވައި، ކެނެޑާ، އެމެރިކާ، މެލޭޝިޔާ، އަދި ސިންގަޕޫރުން މިދާއިރާގެ އެކި ކޯސް ފުރިހަމަކުރެއްވިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަން ކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަންގައި ޚިދުމަތްކުރެއްވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި، ހެޑް އޮފް ސޭފްޓީގެ މަޤާމުގެ އިތުރުން، ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރެއްވިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން 2023 ގެ މެނޭޖަރަކީވެސް މުޙައްމަދު އަމީނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy