ސެޕްޓެމްބަރ 20, 2024 03:59

ރައީސް ޑރ މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވީ ގައުމީދިދައަށް ދެއްވި ލޯތްބާއި ގަދަރުގެ ބަސްފުޅުތަކަކުން!

ފާތިމަތު އިސްރާ
ނޮވެމްބަރ 17, 2023

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ މުއިއްޒު ދެއްކެވި ވާހަކަފުޅު ގައުމީ އަސަރުން ފުރިގެންވި އިރު، އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ދިވެހި ގައުމީ ދިދައާ މުހާތަބު ކުރައްވައިފިއެވެ.

އެގޮތުން އެ ދިވެހި ދިދަ ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ކަމަށާއި މިނިވަންކަމުގެ ދިދަކަން ފާހަގަކުރައްވައި އެކަން ދައްކައިދިނުމަށްޓަަކައި އަތްވާއި ވާރޭގައި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށާއި އެކަމުން ބުނެދެނީ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް ޑރ މުއިއްޒު  ވިދާޅުވިއެވެ.

ދިވެހި ދިދައިގެ ކުލަތައް އެތުރިފައި ހުންނަ ވަކި މިންތަކާއި އިންތަކުން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެންކަމުން ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން އެ ދިވެހި ދިދަ ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!،" ދިވެހި ދިދައަށް މުހާތަބު ކުރައްވައި ރައީސް ޑރ މުއިއްޒު އަސަރާއެކު ވިދާޅުވިއެވެ.

ދިވެހި ދިދައަށް މުހާތަބު ކުރައްވައި ރައީސް ޑރ މުއިއްޒު އަސަރާއެކު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy