ސެޕްޓެމްބަރ 20, 2024 03:54

Little boy praying alongside his father during Ramadan

ފަލާހާ ކާމިޔާބަށް އެދެނީނަމަ ނަމާދުތަކަށް ރައްކާތެރިވާށެވެ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 17, 2023

ނަމާދަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާއި ގުޅުވައިދޭ އެންމެ މުހިންމު އަޅުކަމަށް ވީއިރު ނަމާދުގެ މާތްކަމާއި މަތިވެރިކަން ނޭނގޭ މުސްލިމަކު ނުހުންނާނެއެވެ.

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އަދި ފަރުޟު ނަމާދުތައް އަދާކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ނަމާދުގެ މުހިންމުކަން ކީރިތި ގުރުއާނުންނާއި ރަސޫލާ (ޞޢޥ) ގެ ހަދީޘްފުޅުތަކުން ވެސް ހާމަ ވެގެންދެއެވެ.ﷲ  ރުއްސުންލެއްވި އަބްދުﷲ ބުން މަސްއޫދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ރިވާ ކުރައްވާފައިވެއެވެ.

 قال : سألت رسول الله صلى الله عليه وسلم : أي العمل أفضل  قال : ” الصلاة لوقتها  قلت : ثم أي ؟ قال : ” بر الوالدين ” قال : قلت : ثم أي ؟ قال : ” الجهاد في سبيل الله  މާނައީ:

"އިބްނު މަސްއޫދު ވިދާޅުވިއެވެ. ތިމަން ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވީމެވެ. އެންމެ މާތް ހެޔޮ އަމަލަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޡްކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި ކުރުމެވެ."  އިބުނު މަސްޢޫދު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ދެންކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮން ހިތުމެވެ." އިބުނު މަސްއޫދު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ދެންކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "މާތް ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."

ނަމާދު އަޅާ ނަމާދަށް ފަރުވާކުޑަ ކުރާ މީހުންނާއެކު ޝައިތާނާވެއެވެ. އަދި އެފަދަ މީހުންނަކަށް ދިރިއުޅުމުގައި އުފަލާ ހިންހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެވޭނީ މާޔޫސްކަމެއްގެ ތެރޭގައެވެ. ދިރިއުޅުމުގައި ކާމިޔާބީއަށް އެދެނީނަމަ ނަމާދު އޭގެ ވަގުތުގައި ކުރުމަށް ފަރުވާތެރި ވާން ޖެހެއެވެ.

ނަމާދަކީ ބޮޑެތި ކަންކަމުން ސަލާމަތްވުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމެވެ. އެއީ ފާހިޝްކަންކަމުން މީހާ ރައްކާކުރާ ވަރުގަދަ އިލާހީ އައްޑަނައެކެވެ. ނަމާދަކީ ކުއްފާފައިގެ ކައްފާރާއެކެވެ. ގޭ ދޮރުމަތީގައި އޮންނަ ފެންގަނޑަކުން ރެއަކާއި ދުވާލު ފަސްފަހަރު ހިނައި ޠޯހިރުވުމުން މީހާގެ ހަށިގަނޑު ސާފުވާފަދައިން ނަމާދުގެ ސަބަބުން ފާފަތަކުން މީހާ ތާހިރުވެއެވެ. ނަމާދަކީ ޤިޔާމަތްދުވަހު ފުރަތަމަ އެއާމެދު ސުވާލުކުރެވޭނެ އަޅުކަމެވެ. އެހެންކަމުން މީހާގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ ނަމާދާއެވެ.

އަލްޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ  މާނައީ :

"ކަލޭގެފާނަށް ﷲ ބާވާލެއްވި ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަށަވަރުން ނަމާދަކީ ފާހިޝްކަންތައްތަކާއި، މުންކަރާތްތަކުން ދުރުކޮށްދޭ އެއްޗެކެވެ. ﷲ ހަނދާންކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާ ކަންތައްތައް ﷲ ދެނެވޮޑީގެންވެއެވެ."

އެހެންކަމުން ކޮންމެ މުސްލިމެއްގެ އަޒުމަކަށް ވާންވީ  މި މަތިވެރި އަޅުކަންމަތީގައި ދެމިހުރެވޭތޯއެވެ. އޭރުން ދެދުނިޔޭގައި އެމީހަކަށް ފަލާހާއި ކާމިޔާބު ލިބޭނެކަންކަށަވަރެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy