ސެޕްޓެމްބަރ 19, 2024 23:56

ޑިޕްރެޝަންގެ ނުރައްކާތެރިކަން އަންގައިދިނުމަށް ބޭނުންކުރެވިފައިވާ ފޮޓޯއެއް /ފޮޓޯ: ގޫގުލް

ޑިޕްރެޝަން: ހީކުރާ ވަރަށް ވުރެ މާ ނުރައްކާތެރި ބައްޔެއް!

އައިޝަތު އިބްރާހީމް
ނޮވެމްބަރ 17, 2023

ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ހިތްދަތިވާ ވަގުތުތަކުގައި ނަފްސު ކެތްތެރިކުރުވައި ތިމާގެ އިހުސާސްތައް ހަމައިންނެޓިގެން ދިޔަނުދީ ހިފަހައްޓައިލަން އެނގެނީ ބައެއް މީހުންނަށެވެ. އަނެއްބަޔަކަށް މިފަދަ ކަންބޮޑުވުން ތަކަކީ ބޮޑު ބައްޔަކަށް ވެގެން ދެއެވެ. މުޖުތަމައުގައި ވަކި ހިއްޕާލާފައިވާ ބޮޑު ވަބާއަކަށް މިކަން ވެފައިވާ އިރުވެސް ގިނަ މީހުންގެ ނަޒަރުގައި ޑިޕްރެޝަނަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އަދި އެފަދަ މީހުންނަކީ ވަރަށް ފިނޑި ބަޔަކު ކަމުގައިބުނެ 'ލޭބަލް' ވެސް ކޮށް އުޅެއެވެ.

ނަމަވެސް ހަގީގަތުގައި ޑިޕްރެޝަނަކީ ބޮޑު ބައްޔެކެވެ. އަދި ފަރުވާ ބޭނުންވެ ފަރުވާ ނުހޯދައިފިނަމަ މުޅި އުމުރަށް ދެމިގެންދާ ކަމެއްވެސް މެއެވެ. އެގޮތުން ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި، ގިލަންވެރިކަމުގައި ޖެހި އެތައް ބަޔަކަށް ދިރިއުޅުމުގައި ކުރިޔަށް ދާންވީ މިސްރާބެއް ނޭނގި، ދިރިއުޅުން ބިކަވާތަން އާދެއެވެ. އެތައްބަޔަކު ނަފްސާނީ ނުތަނަވަސްކަމުގެ ތެރޭގައި ދަންޖެހިގެން، ނުވަތަ އެނޫންވެސް ގޮތަކުން، މި ހަޔާތާ ވަކިވެގެން ދިޔުމަކީ އެމީހުންގެ ކެކުޅުންތަކަށް ނިމުމެއް ގެނެސްދޭ ކަމެއްކަމުގައި ދެކެއެވެ. ނަމަވެސް އަމިއްލަ ނަފްސު ގަތުލުކޮށްލުމަކީ މާތް ﷲ ހަރާމްކުރައްވާފައި ވާ ބޮޑު ފާފައެކެވެ.

ހިތާމަ ކުރުމުގެ ބައްޔަށް ދެވޭނެ އެކަށޭނަ ފަރުވާ ހޯދިފައި ހުއްޓަސް، ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ލިބެނީ %10 އަށްވުރެ މަދު މީހުންނަށްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތަށް ދިމާވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ފަރުވާދެވޭނެ މަޞްދަރުތައް ފަހިވެފައިނެތުން، ތަމްރީނު ލިބިފައިތިބި މީހުން ނެތުން، ރަގަޅަށް ބަލިމީހާގެ އެސެސްމެންޓް ނުހެދުމުގެ ސަބަބުން ބަލިހުރިކަން ދެނެނުގަނެވުން، އަދި ނަފްސާނީ ބަލިތަކާމެދު މީހުންދެކޭގޮތް ތަފާތުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޑިޕްރެޝަނަކީ ފަރުވާ ހޯދޭނެ ބައްޔެއް - ލަސްނުކުރޭ!

ޑިޕްރެޝަންގެ އަލާމާތްތައް

ޑިޕްރެޝަންގެ އަލާމާތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން މި ފާހަގަކޮށްލަނީ އާންމު އަލާމާތްތައް ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަންކަމެވެ.

ހިތާމަތައް ނުފިލާނެ ކަމަށް ގަބޫލުކުރެވި ކަންބޮޑުވެ ހާސްވުން، ކަންކަމާ މެދު މާ އަވަހަށް އުންމީދު ކަނޑާލުން، ބޭކާރު އިހްސާސްތައް ކުރެވުން، އާދަޔާ ޚިލާފަށް ކަންބޮޑުވުން، ލޯބީގައި ނާކާމިޔާބުވުން، މާ ގިނައިން ކެއުން، ނުނިދިގެން އުޅުން، ކަންކަމަށް ސަމާލުކަން ނުދެވުން، ހަކަތަ ނެތުން، ކަމަކާނުލައި އުނދަގޫވުން، ބޮލުގައި ރިހުން، ނުވަތަ ހަށިގަނޑުގައި އެހެން ވޭންތައް އަދި އަމިއްލައަށް މަރުވުމުގެ ފިކުރު ކުރެވުމަކީ ޑިޕްރެޝަންގެ އެންމެ އާންމު އަލާމާތްތަކެވެ.

ޑިޕްރެޝަންގެ ފަރުވާ

6 މަހަށް ވުރެ ގިނަދުވަހު ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭނަމަ ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ. ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބޭސް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކައުންސެލިން ނެގުމަކީވެސް ޑިޕްރެޝަނަށް ދެވިދާނެ ރަނގަޅު ފަރުވާއެކެވެ. މީގެ އިތުރުން ދީނީ އަދި ރޫހާނީ ފަރުވާވެސް ޑިޕްރެޝަނަށް ދެއެވެ. މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުއާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މި ކަންތައްތައް ދެނެގަނެވިދާނެއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy