ސެޕްޓެމްބަރ 20, 2024 08:45

މުއިއްޒު އެދިލައްވަނީ ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ހުވާކުރުން އިންތިޒާމް ކޮށްދޭން

ފާތިމަތު އިސްރާ
ނޮވެމްބަރ 15, 2023

ކުރިއަށް އޮތް ދައުރުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހާ އިންތިޒާމްތައްވެސް އިސްލާމީ މަރުކަޒުގެ އެއްވެސް ބައެއް ނަމާދުކުރުމަށް ބޭނުން ކުރުމުގައި ދަތިނުވާގޮތަށް ހަމަޖައްސަވައި ދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޑރ މުއިއްޒު މިފަދައިން އެދިވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި، ހުކުރުދުވަހު އަސުރުނަމާދާއި އަދި މަޢުރިބް ނަމާދަށްދާ މީހުން އެ މިސްކިތުގެ ދެކުނުފަރާތް ބޭނުން ކުރުމަށް އެންގުމާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޖުމުހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ އިސްލާމީ މަރުކަޒުގެ އުތުރުފަރާތް އެދުވަހުގެ މެންދުރުފަހު ނަމާދަށް ބޭނުން ނުކުރެވޭނެއެވެ. އެއީ އެރަސްމިއްޔާތުގައި ބޭރުގެ ގިނަ އިއްޒަތްތެރިން ބައިވެރިވާތީ ސަލާމަތީ ސަބަބުތަކަށް ކަމަށް ބުނެފަައިވެއެވެ.

މިކަމާ ގުޅިގެން އިންތިހާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔަތުގެ ސަބަބުން މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަށް ޑރ މުއިއްޒު ބޭނުންނުވާކަން އިސްލާމިކް މިނިސްޓްރީއަށް މިހާރު ވާނީ އަންގާފައިކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކާ މިސްކިތައް ވަދެ ނުކުމެ އުޅުމުގައި ވަކި ދޮރާށިތަކެއް ބޭނުން ކުރާގޮތަށް ހަމަޖެއްސި ނަމަވެސް، ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ތަނެއް ބަންދު ނުކުރުމަށް މުއިއްޒު އެދިވަޑައިގެންފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމަށް ހަމެޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި، އިސްލާމީ މަރުކަޒާއި އިންވެގެން އޮންނަ ޖުމުހޫރީ މައިދާނުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy