އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަށް ބާކީ 2 ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންތަކަކަށް ދިން ޕްރޮމޯޝަންތަކަކީ މިއަހަރު އޭޕްރީލް މަހު ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އިތުރަށް ބުނީ އޭޕްރިލް މަހު ޕްރޮމޯޝަންތައް ހަވާލު ނުކުރީ އިންތިހާބާއި ކައިރިވެފައި އޮތުމުން ނޭދެވޭ ތަސައްވަރު ތަކެއް އުފެދިދާނެތީކަމަށެވެ.
މި ޕްރޮމޯޝަންތައް ދީފައިމިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން މަޑު ޖައްސާލަން އެދިފައިވަނިކޮށެވެ. ނަމަވެސް ރޭ ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް 8 އޮފިސަރުންނާ، ޗީފު އިންސްޕެކްޓަރުންގެ ރޭންކަށް 53 ފުލުހަކަށް ޕްރޮމޯޝަން ދީފައިވާއިރު، އެސިސްޓެންޓް ކޮމިޝަނާ ކަމަށް ޔޫނުސް ސޮބާހު، އާސިމް އަބްދުﷲ، މުހައްމަދު ރަޝީދު، އަހްމަދު ޝަމީމް، މުހައްމަދު ބަޝީރު، ހުސައިން ރަޝީދު އަދި މޫސާ އަލީ އަށްވެސް ވަނީ ޕްރޮމޯޝަން ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ މި ޕްރޮމޯޝަން ތަކަކީ ފުލުހުންގެ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއްކަމަށެވެ.