ޓިކްޓޮކުގައި ހިމެނޭ ވީޑިއޯ ކްލިޕް ތަކުގެ ޒަރީއާއިން އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާކަމަށް ބުނެ ނޭޕާލްގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފިއެވެ.
ނޭޕާލުގެ ކޮމިއުނިކޭޝަންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ އެ ގައުމުގައި ޓިކްޓޮކް މަނާކުރަން ނިންމީ އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމެއްގައިކަމަށެވެ. އަދި އެ ނިންމުން ނިންމީ އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރައި އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ހަލާކު ވެގެންދާ ފަދަ ކޮންޓެންޓު، ޓިކްޓޮކްގެ ޒަރީއާއިން ހިއްސާ ކުރަމުން ގެންދާތީ ކަމަށްވެސް ރޭކާ ވިދާޅުވިއެވެ.
ސައިބަރ ކްރައިމްގެ 1600 އަށްވުރެ ގިނަ މައްސަލަ މިދިޔަ ހަތަރު އަހަރު ތެރޭ ނޭޕާލުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ނޭޕާލްގެ އިތުރުން އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާ އަދި އިނގިރޭސި ވިލާތާއި، ޕާކިސްތާނާއި އިންޑޮނޭޝިއާއިންވެސް ވަނީ ޓިކްޓޮކް ބޭން ކޮށްފައެވެ. އަވައްޓެރި އިންޑިއާގައިވެސް ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކުގެ އިތުރުން ޗައިނާގެ 58 އެޕްލިކޭޝަނެއް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
ޗައިނާ އެޕްލިކޭޝަންތައް މަނާކުރަން ނިންމީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތައްޓަކައި ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.
ޓިކްޓޮކަކީ ރާއްޖޭގައިވެސް ޒުވާނުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމަކަށް ވީއިރު ބައެއް މީހުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފް ވެގެން ގޮސްފައިވަނީވެސް ޓިކްޓޮކްގެ ސަބަބުންނެވެ. އެހެންކަމުން ޓިކްޓޮކަކީ ގިނަ ފަންނާނުންނަށް ފުރުސަތު ދިން ޕްލެޓްފޯމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް މިއެޕްގެ ބޭނުން ބައެއް މީހުން ހިފަމުންދަނީ އެކަމުގެ ގެއްލުން މުޅި ގައުމަށާއި، އަންނަން އޮތް ޖީލަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ގޮތަށެވެ.
އިސްލާމީ ދިވެހި މުޖުތަމައަށް އެންމެ އެކަށީގެންނުވާ ގޮތަށް ބައެއް މީހުން ވީޑިއޯ ކުޅެ އަޕްލޯޑް ކޮށްފައިވެއެވެ. މީގެ ތެރޭގައި ހުތުރު ބަސް ބޭނުން ކޮށްގެންނާއި، ފިރިހެނުން އަންހެން ވެގެން ކުޅެފައިވާ ވީޑިއޯ ހިމެނެއެވެ. އަދި އެކި މީސްމީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމާއި، އެކަކު އަނެކަކަށް މަލާމަތާއި ފުރައްސާރަ ކުރުމަށްފަހު ވެސް ވީޑިއޯ އަޕްލޯޑް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.