ސެޕްޓެމްބަރ 20, 2024 08:51

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ4000 ފްލެޓުގެ ބައެއް ޓަވަރުތައް- /ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 10, 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން ދާތީ ނޮވެމްބަރު 10 ގެ 23:59 އާ ހަމައަށް އެ މުއްދަތު މިހާރު އިތުރުކޮށްފައިވާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދެނީ 4000 ފްލެޓެވެ. އެއީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ނޮވެމްބަރު 4 ގައި ނެރުނު ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، ފުރަތަމަ ބުރުގައި ދޫކުރާ ތިން ކޮޓަރީގެ އެޕާޓްމެންޓު ދެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓު ދެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު އެއް ދުވަސް ދީފައިވާއިރު، ފްލެޓު ލިބޭ މީހުން ކަނޑައެޅިގޮތާއި ފްލެޓަށް ފޯމު ހުށަހެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތަށް ނުބަލާކަމަށާއި އަދި މާކްސް ދީފައިވާ ގޮތް ސާފުނުވާ ކަމަށް ބުނެ ބަޔަކު ވަނީ ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ  އިހުތިޖާޖުވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން އޭސީސީން ވެސް ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓާލަން ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް ފްލެޓު ކޮމިޓީން ބުނީ އޭސީސީ އިން ބަލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ދައްކާފައިވާނެކަމަށެވެ.

ވެރިކަން ބަދަލުވުމަށް މިއޮތް ކުޑަ ދުވަސްކޮޅު ތެރޭގައި، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް އަވަސް އަރުވާލައިން ދޫނުކޮށް، އާ ސަރުކާރާ ހަވާލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނީ އޮންނަ ގަވާއިދުގެ ދަށުން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy