ސެޕްޓެމްބަރ 20, 2024 09:08

ނައިބުރައީސް ނެތުމަކީ މަޖިލިސްރައީސްގެ މައްސަލަ ކުރިއަށްނުގޮސް އޮންނަންޖެހޭ ސަބަބެއްނޫން: ސުޕްރީމްކޯޓް

ފާތިމަތު އިސްރާ
ނޮވެމްބަރ 9, 2023

ރައްޔިތުންގެމަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ނެތަސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށްނުގޮސް އޮންނަން ޖެހޭނެ ސަބަބެއް ނޫންކަމަށާއި އެމައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީންނެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނާތީ، އިތުރު މެމްބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް އެއީ ރަނގަޅު މާނަކުރުމެއް ނޫންކަމަށް މިއަދު ސުޕްރީމްކޯޓުން ކުރި ހުކުމުގައި ބުންޏެވެ.

ހަމައެހެންމެ މަޖިލީހުން އެގޮތަށް އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށްކަން ފާހަގަ ކުރުމާއެކު ހުކުމުގައި ވަނީ ނައިބު ރައީސް ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމަކީ އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވަން ހުރަސް އެޅޭނެ ސަބަބެއް ނޫންކަން ފާހަގަކޮށް ހާމަކުރައްވައި މަޖިލީހުގެ ގަވާއިދުގައި ވެސް އެގޮތަށް އެކަން ބަޔާންވެފައި ނެތް ކަމަށް މިއަދުގެ ހުކުމުގައިވެއެވެ.

ސުޕްރީމްކޯޓުގެ މިއަދުގެ ހުކުމަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމެކެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy