ސެޕްޓެމްބަރ 20, 2024 00:04

ކޮލަމް އިރުވައި: މިނިވަންކަމުގެ ދިފާޢުގައި ދިވެހީން (1)

މޫސާ ޝަރީފް
އޯގަސްޓް 26, 2023

ތާރީޚުން ހެކި ލިބޭ ގޮތުގައި ދިވެހިރާއްޖެ އަކީ އެންމެ އިހުއްސުރެ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. ދިވެހި ރާއްޖޭގައި އޮތީ ޒަމާނުއްސުރެ އަމިއްލަވަންތަ ސިފަތަކެއް އޮތް އަމިއްލަ ވެރިކަމެކެވެ. ޤަދީމީ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް، ޒަމާނުގައި ޖެހޭ ނުކިއްސަރު އެކި އޮއިވަރުތަކުގައި މި ދިވެހިރާއްޖެ ވެސް ޖެހުނެވެ. އަޅުވެތިކަމާއި އަތްގަދަ ކުރުންތައް ދިވެހިން ވެސް ތަޖުރިބާކުރަން ޖެހުނެވެ. އެހެނަސް، މިއިން ކޮންމެ ފަހަރެއްގައި ވެސް، މިނިވަންކަމުގެ ދިފާޢުގައި ދިވެހީން ވަނީ ތެދުވެފައެވެ. އަދި މި ވަޠަނަކީ، މި ބިމަކީ ދިވެހީންގެ އަމިއްލަ މިނިވަން މުސްތަޤިއްލު ބިމެއްކަން ވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. މި މަޒުމޫނުގައި ބަލައިލައިފައިވާނީ ދިވެހިން މިނިވަންކަމުގެ ދިފާޢުގައި ކުރި ގަދަ ހިތްވަރުގެ މައްޗަށެވެ.

އެވޭލާ ޒަމާނުގައި ދިވެހި މިނިވަންކަން

ދިވެހި ވެރިކަމާ ގުޅޭ ގޮތުން އެންމެ އިހުގެ ބުނުމަކަށް ފެންނަން އޮތް ބުނުމަކީ، އަމިއޭނަސް މާސެލިނަސް ހާމަކުރައްވާފައިވާ ބުނުމެކެވެ. އެ ބުނުމަކީ، "362މ ވަނަ އަހަރު އެމްޕެރަރ ޖޫލިއަންގެ އަރިއަހަށް "ދީވީ" އިންނާއި "ސެރެންދީވީ" އިންގެ ފަރާތުން ސަފީރުން ދިޔައެވެ" މި ބުނުމެވެ. މި ދިޔަ މީހުންނާ މެދު އެޗް.ސީ.ޕީބެލް (1940) އާ ހަވާލާދެއްވައި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ލިޔުއްވާފައިވަނީ 362މ. ވަނަ އަހަރު އެމްޕެރަރ ޖޫލިއަންގެ އަރިހަށް ދިޔަކަމަށް އެމިއޭނަސް މާރސެލިނަސް ބުނެފައިވާ ސަފީރުންގެ ތެރޭގައި "ސެރެންދީވީ" އިންނާއި "ދީވީ" އިން މުޅިންވަކިކޮށް އެނގޭން ތިބިކަމަށެވެ. "ދީވީ" އިންނަކީ ދިވެހީން ކަމަށާއި "ސެރެންދީވީ" އިންނަކީ، ސިލޯނު މީހުންކަމަށެވެ. މި ކަމުން އެނގިގެންދަނީ މީލާދުން 4ވަނަ ޤަރުނާ ހަމައިން ފެށިގެން ވެސް ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއް ކުރަމުން އައި މިނިވަން ޤައުމެއްކަމެވެ.

މީގެ އިތުރުން އީސާގެފާނު އަވަހާރަވުމުގެ 1150 އަހަރު ފަހުން، އަލް އިދުރީސީ ރާއްޖެއާބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމަކަށް ހަވާލާ ދެއްވައި މުޙައްމަދު އިބުރާހިމް ލުތުފީ (2003) ހާމަކުރައްވާފައިވަނީ އެރަށްތަކަކީ އެއްރަށް އަނެއްރަށާ ވަރަށް ގާތުގައި އޮންނަ ޢަދަދު ގިނަ ރަށްތަކެއްކަމަށެވެ. އެހެންނަމަވެސް ހުރިހާ ރަށެއްވެސް އޮންނަނީ އެއް ރަސްކަލެއްގެ ދަށުގައެވެ. އެ ރަސްގެފާނު، ރަށްތައް ދިފާޢުކުރެއްވުމަށް ހަނގުރާމަ ކުރައްވައި އެރަށްތަކަށް އަމަންއަމާންކަން ހޯއްދަވައިދެއްވާ ނަމަވެސް ވީވަރަކުން ހަނގުރާމަ ނުކުރައްވަވާވޭތޯ ބައްލަވައި ޞުލްޙަ ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާކަމަށެވެ. މި ކަންކަމުން އެނގި ހާމަވަނީ، އެވޭލާ ޒަމާނުގައި ވެސް ދިވެހިންނަކީ މިނިވަން ބައެއް ކަމާއި، މިނިވަންކަމުގެ ދިފާޢުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއްކަމެވެ.

މެދު ޒަމާނުގައި ދިވެހި މިނިވަންކަން

މެދު ޒަމާނުގެ ތާރީޚުކަމަށް ތާރީޚީ ޢިލްމުވެރިން ބަޔާންކުރައްވަނީ، ރާއްޖެ އިސްލާމްވުމުން ފެށިގެން، 18 ވަނަ ޤަރުނުގެ ނިޔަލަށެވެ. ތާރީޚުގެ މެދުޒަމާނަކީ، ދިވެހިންނަށް މިނިވަންކަން ދިފާޢުކުރުމަށް އެންމެ ގަދަ ހިތްވަރެއް ލާންޖެހުނު ޒަމާނެވެ. އަދި މިނިވަންކަމުގެ ދިފާޢުގައި އެންމެ ބުރަ މަސައްކަތްތަކެއް ދިވެހީން ކުރާންޖެހުނު ޒަމާނެވެ.

ދިވެހިންނަކީ ޖެހިލުން ކުޑަ ބައެއް

ރާއްޖެ އިސްލާމްވުމަށްފަހު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އެންމެ ފުރަތަމަ ބުރުލެއް އެރީ، މީލާދުން 1409 އިން 1411 ވަނަ އަހަރާ ދެމެދު ޗައިނާގެ އެޑްމިރަލް ޗެން-ހޯ (CHENG-HO) ސްރީލަންކާއާއި ދެކޮޅަށްކުރި ހަނގުރާމައާ ވިދިގެންކަމަށް ޠާޙާ އަބޫބަކުރު (2020) ލިޔުއްވައެވެ. އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، މި ހަނގުރާމައިގައި ސްރީލަންކާ ޗައިނާގެ ބާރުގެ ދަށަށް ދިއުމުން، ލަންކާގެ ރަސްގެފާނު ކޮށްޓަކައި ލައިގެން، އަދި ލަންކާ ސިފައިންގެ އިސްމީހެއްގެ ބޯ ކަނޑާލައިގެން ގެނެސް ދިވެހިރާއްޖޭގެ ރަދުންނަށް ބިރުދައްކަން ރާއްޖެއައެވެ. ނަމަވެސް، 48 ނަވާއި 30000 މީހުންގެ ބޮޑު މި ލަޝްކަރާ ކުރިމަތިލާން ރާއްޖޭގެ ރަސްގެފާނު އޭރު ހުރީ ނިންމަވައިގެންކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވައިފައިވެއެވެ. ކޮންމެ އަކަސް، ޗައިނާއިން ރާއްޖެ އަޅުވެތިކުރިކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. އެހެންކަމުން، މި ހާދިސާއިން ވެސް އެނގިގެން ދަނީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން ކޮންމެ ފަދަ ބާރަކާ ވެސް ކުރިމަތިލުމުގެ ހިތްވަރު ހުރި ބައެއް ކަމެވެ. އަދި މިނިވަންކަމުގެ ދިފާޢުގައި ހިކުމަތްތެރިކަމާއެކު ކުރިމަތިލައި މައްސަލަ ޙައްލުކުރުމުގެ ވިސްނުން ދިވެހިން އިސްކޮށްފައިވާކަމެވެ.

ދިވެހިން ކާމިޔާބު ކުރި ހަނގުރާމަތައް

މިނިވަންކަން ދިފާޢުކުރުމަށް ދިވެހިން އެތައް ހަނގުރާމައެއް ކުރަން ޖެހުނެވެ. މީލާދުން 15ވަނަ ޤަރުނުގެ ފަހުކޮޅަކީ، ކަންނަން ނޫރުގައި އިސްލާމުންގެ ބާރުގަދަކުރުމަށް މާމަލޭ މަރައްކާރު (ޢަލީރާޖާ) މަސައްކަތްކުރަމުން އައި ދުވަސްވަރެވެ. އަދި ޕޯޗުގީޒުންނަށް އިންޑިޔާކަނޑާއި ދިވެހިރާއްޖެ ފުރަތަމަ ފެނުނު ދުވަސްވަރު ވެސް މެއެވެ. އެގޮތުން، މި ދެބައި މީހުންވެސް، ރާއްޖޭގެ މައްޗަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުއްޓެވެ. އެހެނީ، އެދުވަސްވަރު، އިންޑިޔާ ކަނޑުގައި ދުއްވާ އުޅުނު ނައުފަހަރުގައި ބޭނުންކޮށް އުޅުނީ ދިވެހި ރޯނުން އަޅާފައިވާ ވާ ކަމަށާއި، ނައުފަހަރުގެ މަޑޫތައް ކޮޅަނީ ދިވެހި ބޮނބިފަތުންކަމަށާއި، އޮޅިއްސާއި، ބަރުމާގެ ޕެރޫއާއި އަރަކަން ކިޔާ ސަރަހައްދުތަކުގައި ފައިސާގެ ގޮތުގައި ގެންގުޅުނީ ދިވެހި ބޮލިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވައެވެ. އިތުރަށް ހާމަކުރައްވާ ގޮތުގައި، ހިއްކާފައިވާ ކަނޑުމަހާއި، މާވަހަރާއި، ފޮއްޗަކީވެސް ރާއްޖެއިން ވިޔަފާރި މުދަލުގެ ގޮތުގައި ލިބެން ހުންނަ އެއްޗެއްސެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންޓްރޯލް ލިބިއްޖެ ނަމަ، އިޤްތިޞާދީ ވަރަށް ބޮޑު ނަފާ ހޯދިދާނެ ކަމަށް މަލާބާރުންނަށް ވެސް އަދި ޕޯޗުގީޒުންނަށް ވެސް އޮތީ ޤަބޫލުކުރެވިފައެވެ. މިސަބަބުތަކާ ހުރެ، އެކި ގޮތްގޮތުން، ދިވެހިންގެ މައްޗަށް ވެރިވުމަށް އެމީހުން އައީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ރަސްކަން ގެއްލުނު ބައެއް ދިވެހި ރަސްރަސްކަލުން ވެސް ފަހުން ރަސްކަން ހޯއްދެވުމަށް ހަނގުރާމައަށް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން، ދިވެހިންނަކީ މިނިވަންކަމުގެ ދިފާޢުގައި ވަރަށް ގިނަ ހަނގުރާމަތަކެއް ކުރަން ޖެހުނު ބައެކެވެ. (ނުނިމޭ)

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy